ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ސްލޫކީ މައްސަލަތަކާއިމެދު ފިޔަވަޅުއަޅައި ބޮޑެތި އަދަބުތައް ދެވޭގޮތަށް ގަވާޢިދެއް އެކުލަވާލައްވައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު، އަލްއުސްތާޒް މުހަންމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ގަވާޢިދެއް ހުށަހަޅުއެްވައިފިއެވެ.
“ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު” ގެ ނަމުގައި މިދިޔަ ހޯމަދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނަޝީދު ހުށަހެޅުއްވި މިގަވާޢިދު މަޖިލީހަށް ފޮނުއްވާފައިވަނީ މަޖިލީހަށް ހުށަހަޅުއްވާ ގަރާރެއްގެ ގޮތުގައެވެ. ނަޝީދު ވިދާޅުވީ އޭނާ މިފަދަ ސްލޫކީ ގަވާޢިދެއް މަޖިލީހަށް
ހުށަހެޅުއްވީ މަޖިލީހުގެ ޢާންމު ގަވާއިދު ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުށަހަޅާ ޤަރާރެއް މެދުވެރިކޮށް، މަޖިލީހުގެ ގަވާއިދަށް ބަދަލުގެންނަން ހުށަހެޅިދާނެ ކަމަށް އޮތުމާއި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ބުނާގޮތުން، މަޖިލީހުގެ މެންބަރުންގެ ސުލޫކުގެ މިންގަނޑުތަކެއް މަޖިލީހަށް އެކަށައެޅިދާނެތީއެވެ.
މެންބަރުންގެ ސުލޫކީ މިންގަނޑުތަކެއް ކަނޑައަޅައި އެމިންގަނޑުން ބޭރުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ މެންބަރުންނާމެދު ފިޔަވަޅުތަކެއް އެޅޭގޮތަށް މެންބަރުންގެ ސުލޫކީ ގަވާޢިދެއް އެކުލަވާލައްވައި އެގަވާއިދު މަޖިލީހަށް ހުށަހެޅުއްވިކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަދަލުވަމުންދާ ސުލޫކީ ހަމަތަކުގެ ސަބަބުން، ރައްޔިތުންގެ ވަރަށް ބޮޑު ހިތްހަމަނުޖެހުމާ، އެ މުއައްސަސާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މަޖިލީހުގެ މެންބަރުންނަކީ، ތަގުންތަކެއްކަމަށް، ރާމާމަކުނުތަކެއްކަމަށް، ސިފަކުރާ ދިވެހިން މިއަދު އެބައުޅޭ ކަމަށާއި މަޖިލީހަކީ، ގުޅަކުޅޭ ފަސްގަނޑުކަމަށް، މާރުކޭޓުކަމަށް، ޑްރާމަކުޅޭތަނެއްކަމަށް ދެކޭ ދިވެހިން މިއަދު އެބައުޅޭ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހަކީ އަޚްލާޤެއްނެތް، ސުލޫކެއްނެތް ދަށު ދަރަޖައިގެ ބަޔަކު އުޅޭތަނެއްކަމަށް ދެކޭ ދިވެހިން މިއަދު އެބައުޅޭ ކަމަށްވެސް ކުރީގެ ލީގަލް ރީފޯމް މިނިސްޓަރ ނަޝީދު ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ގެއްލިގެންގޮސްފައިވާ ޤަދަރު ހޯދުމަކީ، ވަރަށް މުހިންމު ކަމެއްކަމަށާއި އަދި މަޖިލީހުގެ މަސައްކަތަކީ ރައްޔިތުން ބަލައިގަންނަ މަސައްކަތަކަށް ހެދުމަކީވެސް ވަރަށް މުހިންމު ކަމެއްކަމުގައި ނަޝީދު ވިދާޅުވިއެވެ.
34 ޞަފްޙާގެ މައްޗަށް އެކުލެވިގެންވާ މި ގަވާޢިދުގައި މަޖިލީހުގެ ސުލޫކީ ހަމަތަކެއް ބަޔާން ކޮށްފައިވާއިރު އެ ހަމަތަކާ ޚިލާފުވެއްޖެނަމަ، އެޅިދާނެ ފިޔަވަޅުތަކެއް ބަޔާންކޮށް އެ ފިޔަވަޅުތައް އެޅުމުގެ ބާރު، ސުލޫކު ކޮމިޓީއަށް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން މެންބަރުންގެ ސުލޫކީ މައްސަލަތަކުގައި އެޅިދާނެ ކަމަށް ގަވާޢިދުގައި ބުނާ ފިޔަވަޅު ތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރު އެކުރި ޢަމަލު ކުށްވެރިކޮށް، އެކަމާ ގުޅޭގޮތުން ރަސްމީ ލިޔުމެއް ސުލޫކު ކޮމިޓީން އޭނާއަށް ފޮނުވައި، އެ ލިޔުން މީޑިއާއަށް ހާމަކުރުން. އަދި އޭގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށްވެސް ފޮނުވުމާއި މަޖިލީހުގެ އެ މެންބަރަކު އެކުރީ މަޖިލީހުގެ ޤަދަރަށް އުނިކަންލިބޭ ކަމެއްކަން ބަޔާންކޮށް، އެކަން ކުށްވެރިކޮށް، މަޖިލީހަށް ޤަރާރެއް ހުށަހަޅައި، އެ ޤަރާރު، “ކުށްވެރިކުރުމުގެ ޤަރާރު” ގެ ގޮތުގައި މަޖިލީހުން ފާސްކުރުމާއި ވަކި ދުވަހެއްގެ ނުވަތަ ދުވަސްތަކެއްގެ މުސާރަ ނުލިބޭގޮތަށް ހަމަޖެއްސުމާއި އެއްހާސް ރުފިޔާއާއި ދިހަ ހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއި ކޮމިޓީއެއްގެ މުޤައްރިރުކަމުގައި ހުރެއްޖެނަމަ، އެ ކޮމިޓީއެއްގެ މުޤައްރިރުކަމުން ވަކިކުރުމާއި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، ވަކި ޚާއްޞަ މަސްއޫލިއްޔަތެއް ޙަވާލުކުރެވިފައިވާނަމަ، ނުވަތަ މަޖިލިސް ތަމްސީލުކުރުމުގެ ޒިންމާއެއް ޙަވާލުކުރެވިފައިވާނަމަ، އެކަމެއް ނިގުޅައިގަތުމާއި މަޖިލީހުގެ ގޭގެ ތެރެއަށް ވަކި މުއްދަތެއް ވަންދެން ނުވަދެވޭގޮތަށް ހަމަޖެއްސުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން އެކަކު އަނެއްގެ ގައިކޮޅަށް އަތްލައި މާރާމާރީ ހިންގަވައި ހަޑި ހުތުރު ބަހުރުވައިން ވާހަކަ ދައްކަވަމުން ގެންދަވާތަން ދަނީ ތަކުރާރުކޮށް ފެންނަމުންނެވެ. ނަމަވެސް މިފަދަ ގަވާޢިދެއް މަޖިލީހުގެ މެންބަރުން އަމިއްލައަށް ފާސްކޮށްފާނެ ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.











