އެމްޑީޕީގެ ހަރުގޭގައި އަންގާރަ ވިލޭރޭ އޮތް އާންމު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ޑީއާރުޕީން އެދުވަސްކޮޅު މާލޭގެ
މަގުމައްޗަށް އެއްވެ ހަމަނުޖެހުން ހިންގީ އެމަންޒަރު ބޭފުޅުގެ ވަފްދުތަކަށް ދެއްކުމަށް ޓަކައި ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ މާލީ ސިޔާސަތަކީ ވަރަށް ދޯހަޅި ސިޔާސަތެއް ކަމުގައި ދެއްކުމަށްވެސް ޑީއާރުޕީން މަސައްކަތް ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ދިވެހި ސަރުކާރުގެ މާލީ ސިޔާސަތަށް ބޭރުގެ ފަރާތްތަކުން ހިތްހަމަޖެހޭތީ ދީލަތި އެހީތަކެއް ރާއްޖެއަށް ލިބި ޑީއާރުޕީގެ އެމަސައްކަތް ނާކާމިޔާބު ވެގެންދިޔައީ ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑޯނާ ކޮންފަރެންސް ރާއްޖޭގައި އޮތް ދުވަސް ވަރަކީ ޑީއާރުޕީ އާއި އިދިކޮޅު ފަރާތްކުން ގުޅިގެން މާލެ ތެރޭގައި ވަރަށްގިނަ މުޒާހަރާތައް ބޭއްވި ދުވަސް ވަރެކެވެ. އާންމުކޮށް ކޮންމެ ރެޔަކު ޑީއާރުޕީގެ މެމްބަރުން މާލޭގެ ކޮންމެވެސް ތަނަކަށް އެއްވަމުން ދިޔައެވެ. އެދުވަސްވަރު ޑީއާރުޕީން މާލޭގެ މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުން ދިޔައީ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނަގަން އުޅޭއިރު އެމްޑީޕީން މަޖިލިސް ހިސޯރުކޮށް އެކަން ކުރިޔަ ނުދޭތީ ކަމަށް ބުނެއެވެ.
ޑޯނާ ކޮންފަރެންސް ފެށުމުގެ އެއްދުވަސް ކުރިން ނައިބް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ވަނީ މީޑިޔާ މެދުވެރިކޮށް ވާހަކަފުޅު ދެއްކެވުމުގެ ތެރޭގައި ސިޔާސީ ހަމަނުޖެހުންތައް ނުބޭއްވުމަށް ސިޔާސީ ޕާޓީ ތަކުގެ ކިބައިން އެދިފައެވެ. ޑޯނާ ކޮންފަރެންސް އޮތް އިރު ޑީއާރުޕީން ވަނީ އެތަނަށް ވަޑައިގަތް ބޭފުޅުންނަށް ލިޔުންތަކެއްވެސް ބަހާފައެވެ. އޭގައި ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށްބޮޑަށް ޑީއާރުޕީން ވަނީ ފާޑު ކިޔާފައެވެ.











