Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އަދުގެ ސަރުކާރުން އަރަބި އިސްލާމީ ތަޢުލީމް ނައްތާލަން މަސައްކަތްކުރާ ކަމަށް ޑީއާރްޕީން ބުނެފި

އަދުގެ ސަރުކާރުން އަރަބި އިސްލާމީ ތަޢުލީމް ނައްތާލަން މަސައްކަތްކުރާ ކަމަށް ޑީއާރްޕީން ބުނެފި


arabiyyaa_muzaaharaހަ ފެކަލްޓީއެއްގެ މައްޗަށް އެކުލެވިގެން ހިނގަމުންއައި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަންގެ ދަށުގައި ހުންނަ ކުޑަކުޑަ އެންމެ ފެކަލްޓީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ދިވެހި ރާއްޖޭގެ ޢަރަބި އިސްލާމީ ތަޢްލީމުގެ އަލިގަދަ ދަންމަރު ނިއްވާލުމަށް މިއަދުގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގެ ސިލްސިލާގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް އިދިކޮޅު ޑީއާރްޕީން ބުނެފިއެވެ.

5 އޭޕްރީލް 2010 ން ފެށިގެން ކުއްލިއްޔާއަކީ ކޮލެޖްގެ ދަށުން ހިނގަމުންދާ ފެކަލްޓީއެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް މުހަންމަދު ނަޝީދު ނިންމެވުމާ ގުޅިގެން ޑީއާރްޕީން ނެރުނު ނޫސްބަޔާނެއްގައި، ރައީސް ނަޝީދު މިކަން އިޢްލާންކުރެއްވީ ނަޞާރާއިން އެ މީހުންގެ ދީނީ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ "އީސްޓަރ ޑޭ" ގައި ކަމަށާއި މިހެން މިކަން ކުރެއްވުމަކީ ރާއްޖޭގައި ނަޞާރާދީން ފެތުރުމަށް މަސައްކަތްކުރަމުންދާ ބޭރުގެ ލާދީނީ ފަރާތްތަކަށް ދެއްވި މާނައިން ފުރިގެންވާ މެސެޖެއް ކަމުގައި ބުނެފައިވެއެވެ. އަދި މިއީ އިސްލާމީ ދިވެހި އުންމަތުގެ މެޔަށް ހަރާލި ވިހަގަދަ ޚަންޖަރެއް ކަމަށާއި ރާއްޖެއާ އުޚުއްވަތްތެރި އިސްލާމީ ޤައުމުތަކަށް ކުރި އިހާނެތި ފުރައްސާރަ އެއްކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

"ރައީސުލް ޖުމްހޫރިއްޔާ މިއެޅުއްވި ތަރުުބިއްޔަތާ ޚިލާފު ޚުދުމުޚްތާރު ފިޔަވަޅަކީ، އަދި މި ހިންގެވި ލާދީނީ ޢަމަލަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހި ރާއްޖޭގައިހުރި އިސްލާމީ މަތީ ތަޢުލީމު ދޭ އެންމެ ހައިބަވެތި މުއައްސަސާ ނައްތާލުމަށްޓަކައި މިއަދުގެ ސަރުކާރުން ހިންގި ވަރަށް ނޭއްގާނި ޢަމަލެކެވެ. މިކަމުގެ ސަބަބުން ހިޖުރީ ފަނަރަވަނަ ޤަރުނު ފެށުނީއްސުރެ މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ކުއްލިއްޔާ އިން ފަތުރަައިދެމުން ގެންދިޔަ އިސްލާމީ، ތަޢްލީމާއި، ޘަޤާފަތާއި ތަރުބިއްޔަތު ނޭވައިހޮޅިޔަށް އެޅިގެން ދިޔައީ އެވެ." އިދިކޮޅު ޑީއާރްޕީގެ ނޫސްބަޔާނުގައި ވެއެވެ.

ރައްޔިތުންގެ އަޑުއަހާނެކަމަށް ވިދާޅުވަމުން ވެރިކަމަށް އައި ސަރުކާރުން މި ރަޙުމުކުޑަ ލާދީނީ ފިޔަވަޅު އަޅައިފައި މިވަނީ "ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ" ގެ ބިލާމެދު މަޖިލީހުގެ ކޮމިޓީމަރުޙަލާގައި މަޝްވަރާ ކުރެވި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ކުއްލިއްޔާ ބެހެއްޓުމާމެދު މެމްބަރުންގެ މެދުގައި ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި ކަމަށްވެސް ޑީއާރްޕީން ބުނެފައިވެއެވެ، އަދި ރައީސް ނަޝީދުގެ މިނިންމެވުމަކީ އެބިލު ޤާނޫނަކަށް ވުމުން ކުއްލިއްޔާގެ މުސްތަޤުބަލާމެދު ގޮތެއް ކަނޑައެނޅިގެންދާނެތީ، މި ދަނޑިވަޅުގައި ކުއްލިއްޔާގެ ޝަޚުޞިއްޔަތާ ފުށުއަރާފަދަ އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށް އެދި، ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވައިލައި ކުއްލިއްޔާއިން ދަރިވަރުވެފައިވާ އެތައް ސަތޭކަ ދަރިވަރުންނާއި، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނެއް ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފައި ވަނިކޮށް ރައްޔިތުންގެ އެ އާދޭހުގައި ކޮޅުފައިން ޖައްސަވައި ނިންމެވި ނިންމެވުމެއް ކަމުގައިވެސް ޑީއާރްޕީން ބުނެފައި ވެއެވެ.

ކުއްލިއްޔާގެ ޚިދުމަތުގެ ތާރީޚުގައި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ހިންގަވާފައިވާ ތަފާތު ކޯސްތަކުން ހަތް ހާސް ފަސްސަތޭކަ އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވިފައިވާ ކަމަށް ޑީއާރްޕީން ނެރުނު ބަޔާނުގައި ވެއެވެ. މިގޮތުން މިދަސްވެނީންގެ ތެރޭގައި ޤާޟީންނާއި ޤާރީންނާއި މުދިމުންނާއި މުޙާމީންނާއި އިމާމުންނާއި ރަށްރަށުގެ ވެރިންނާއި، އިސްލާމް މުދައްރިސުންނާއި ޤުރްއާން މުދައްރިސުންނާއި ދިވެހި މުދައްރިސުންނާއި އިސްލާމިކް ކައުންސިލަރުން ފަދަ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކަށް މީހުން ބިނާކޮށްފައިވާ ކަމުގައި އިދިކޮޅު ޑީއާރްޕީގެ ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން ކުއްލިއްޔާއަށް ގެންނަ މިފަދަ ކޮންމެ ބަދަލަކާ ދެކޮޅަށް އިދިކޮޅު ޑީއާރްޕީން އަޑުއުފުލަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 15:13 ހޯމަ, 05 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް