ދެހާސް ހަތަރުވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހަލާކުވި ތ އަތޮޅު މަޑިފުށިން ބޯފެން ހުސްވެ ރައްޔިތުން ފެނަށް ޖެހުނުއިރުވެސް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ އެމައްސަލަ ބެލުމަށް ހައުސިން މިނިސްޓަރ، މުހައްމަދު އަސްލަމާއި، ފިނޭންސް މިނިސްޓަރ އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ ސުނާމީ ކޮމިޓީއަށް ހާޒިރުކުރުމަށް ހަމަޖައްސާފައިވާ ކަމަށް ސުނާމީ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ ސުނާމީގައި ފުނޑުފުނޑުވެފައިވާ މަޑިފުށިން ބޯފެން ހުސްވެފައިވާ ކަމަށް ބުނެ އެދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގައި ޑިޒާސްޓަރ މެނޭޖްމެންޓުން ބޭފުޅަކު ހާޒިރުކޮށް ސުވާލު ކުރެއްވުމުން އެމަސައްކަތަށް ހުރަސް އެޅިފައިވަނީ ފިނޭންސް މިނިސްޓްރީން އެކަމަށް ފައިސާ ނުދީގެންކަން ސާބިތުވެފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓަރާ ފިނޭންސް މިނިސްޓަރު ހާޒިރުކުރައްވަން ނިންމަވާފައިވަނީ މަޑިފުއްޓަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް މިހާރު ސަރުކާރުން ނިންމަވާފައިވާގޮތް ކޮމިޓީން ބެލުމަށްކަމުގައި ގާސިމް ވިދާޅުވިއެވެ.
ސުނާމީ ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި މަޑިފުށި ހިމެނޭ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔޮތުން މަޖިލީހުގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ސުނާމީ ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވުމުގެ ކުރިން އަމިއްލަ ފުޅަށް އެކަން ސާފުކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މީޑިޔާއަށް މައުލޫމާތު ދެއްވަމުން މަޑިފުށީ ކައުސިލަރު ވިދާޅުވީ ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވާތީ ވަރަށް މަދު ގެއެއްގައި ނޫނީ ބޯފެން ރައްކާކުރެވިފައިނުވާކަމަށެވެ. މަޑިފުށީގައި ފެން އުފައްދާ ޕްލާންޓެއް ހުރި ނަމަވެސް އެޕްލާންޓްގެ މަސައްކަތް ހުއްޓިފައިވާތާ މިހާރު ގާތްގަނޑަށް ނުވަ މަސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.











