ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީން ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ކުރާ އެއްވެސް ކަމެއްގައި ޑީއާރުޕީން ދުލެއް ނުދެއްވާނެ ކަމަށް ގެމަނަފުށީދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ޑެޕިޔުޓީ ލީޑަރު ކަމަށް އިންތިޚާބު ކުރެވިފައިވާ އިލްހާމް އަޙުމަދު ވިދާޅު ވެއްޖެއެވެ.
ދިމިނިވަން އަށް މަޢުލޫމާތު ދެއްވަމުން އޭނާ
ރޭ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ސަރުކާރުން މިކަން މިގޮތަށް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެފަދަ ފަހަރު ތަކުގައިވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢިލްހާމް ވިދާޅުވީ ދެން އެންމެ އަވަހަށް މިފަދަ ކަމެއް ފެންނާނީ ލާމަރުކަޒީ ބިލާ ބެހޭ ގޮތުން ކަމަށެވެ. މިހާރު ކޮމިޓީ މަރުހަލައިގައި އޮތް މިބިލް ވަރަށް އަވަހަށް މަޖިލީހަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހިސާބުން ސަރުކާރުން ޤާނޫނު ޢަސާސީގެ ރޫޙާ ޚިލާފަށް އެފަދަ ކަމެއް ކުރަން މަސައްކަތް ކޮށްފާނެއެވެ. “ސަރުކާރު ހިންގާ އެމްޑީޕީ މެންބަރުން މަޖިލީސްތެރޭގައި މިބިލަށް ބަހުސް ކުރަމުން ދާއިރު ޤާނޫނު ޢަސާސީގެ ރޫޙާ ޚިލާފަށް، ޕްރޮވިންސްތައް ލައިގެން ލާމަރުކަޒީ ބިލް ފާސްކުރަން މަސައްކަތް ކޮށްފިއްޔާ އެމީހުންނަށް އެއްވެސް ދުލެއް ދިނުމެއް ނޯންނާނެ. މިނޫންވެސް އެހެން ކަންކަމުގައިވެސް އެމީހުން ޤާނޫނު ޢަސާސީގެ ރޫޙާ ޚިލާފަށް ކުރާއެއްވެސް ކަމަކަށް ޑީއާރުޕީން ދުލެއް ނުދޭނެ” އިލްހާމް ވިދާޅުވިއެވެ. މަގުމައްޗަށް ނިކުމެ މުޒާހިރާ ކުރަން ޖެހުނަސް މިފަދަ ކަންކަމުގައި ކުރިއަށްވުރެ ބޮޑަށް ޖައްސާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމިއްލަ ދަތުރުފުޅެއްގައި ލަންކާއަށް ފުރުއްވަމުން ފޯނުއް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިގައުމުގެ ކަންކަން ވަމުންދާ ގޮތް ރައްޔިތުން ވަރަށް ބޮޑަށް މިހާރު ބަލަމުންދާ ކަމަށެވެ.











