ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުށަހަޅައިފައިވާ ދައުވާގެ ޝަރީއަތަށް ސަރުކާރުގެ ފަރާތުން ވަޑައިގެންފައި ނުވާތީ ބަންޑާރަނައިބުގެ އޮފީސް
އިއްޔެ ޖޫރިމަނާ ކޮށްފިއެވެ. އެއޮފީސް ޖޫރުމަނާ ކޮށްފައިވަނީ އެންމެ 57ރުފިޔާއިންނެވެ.
ިިއިއްޔެ ނުވައެއް ޖެހިއިރު މަދަނީ ކޯޓުގައި ފެށުމަށް ހަމަޖެހިފައިވާ ޝަރީޢަތަށް ބަންޑާރަނައިބު އޮފީހުން ވަކީލަކު ވަޑައިނުގަތުމުން ޖޫރިމަނާ ކުރީކަމަށް ކޯޓުންވަނީ ބުނެފައެވެ. ޖޫރިމަނާ ކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރު ވުމުގެ ގަވާޢިދުގެ ދަށުންނެވެ.
ޖޫރިމަނާ ކުރިފަހުން ބަންޑާރަނައިބުގެ އޮފީހުން ސިޓީއެއް ލިބިފައިވާ ކަމަށް ކޯޓުންވަނީ ބުނެފައެވެ. އެއީ ހެނދުނު 03.01 އެހާކަންހާއިރުއެވެ. އެސިޓީގައިވަނީ މައްސަލަ ފަސްކޮށްދެއްވުމަށެވެ. ކޯޓުން ބުނީ ކުރިންވެސް މިގޮތަށް ފަސްކޮށްދީފައިވާނެ ކަމަށެވެ.
ސީއެސްސީ އިން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް މިކުރާ ދަޢުވާއަކީ، ސިވިލް ސާވަންޓުންގެ މުސާރަ ކުޑަ ކުރުމަށްފަހު މުސާރަ އާއި އިނާޔަތްތައް އިޔާދަ ކުރުމަށް އެ ކޮމިޝަނުން ނިންމުމުންވެސް ކުޑަކުރި މުސާރަ ދެމުން ގެންދާތީ ކުރާ ދައުވާއެކެވެ.
މުސާރަ އިޔާދަ ނުކޮށްގެން މިހާރުވެސް ގިނަ ޢަދަދެއްގެ ސިވިލް ސާވަންޓުން ގެންދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ސިވިލްސާވަންޓް އެސީސީއޭޝަނުން ބުނީ ސިވިލްސާވަންޓުންނަށް މުސާރަ އިޔާދަ ކޮށްފައި ނުވާތީ އެމީހުން އުޅެމުންދަނީ ވަރަށް ދަތި ޙާލުގައި ކަމަށެވެ. އެމީހުންގެ ފަރާތުން މިހާރު ލިބެމުންދާ އެންމެ ބޮޑު އެއްޝަކުވާއަކީ އުޅޭނެ ތަނަށް ކުލި ނުދެއްކުމުގެ ޝަކުވާ ކަމަށް އެ އެސޯސިއޭޝަނުންވަނީ ބުނެފައެވެ.
ސީއެސްސީން އުފުލާފައިމިވާ ދަޢުވާ އަވަހަށް ނިމި ސިވިލްސާވަންޓުންނަށް ހަމަ މުސާރަ ލިބުމަށް އެމީހުން މިހާރު ތިބީ އެދިއެދި ކަމަށް ސިވިލްސާވަންޓު އެސޯސިއޭޝަނުން ބުނެއެވެ.











