ރާއްޖޭގައި ހިންގާ ޚަބަރު ފަތުރާ ވަސީލަތްތަކާ ދެކޮޅަށް ހިންގާ މާރާމާރީތައް ރާއްޖޭގެ ހިޔުމަންރައިޓުސް ކޮމިޝަނުން ކުށްވެރިކުރައްވައިފިިއެވެ. އެތަނުން މިކަން ކުށްވެރި ކުރައްވަފައިވަނީ އެތަނުން ނެރުއްވާފައިވާ
ނޫސްބަޔާނެއްގައެވެ. “ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދިރިހުރުމާއި، އަމިއްލަ މިނިވަންކަމާއި، ނަފްސުގެ ރައްކާތެރިކަމުގެ ޙައްޤަށް އަރައިގަތުމުގެ ޢަމަލުތައް މުޖްތަމަޢުގައި ގިނަވަމުންދާކަން މިކޮމިޝަނަށް ވަނީ ފާހަގަ ކުރެވިފައެވެ.
މިގޮތުން 15 މާރޗް 2010 ގައި ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ޖަލުން ނެރުނު ޚަބަރު ކިޔުމާގުޅިގެން ދިއެފްއެމް އަދި ދިޓީވީ ގެ މަރުކަޒަށް ބަޔަކު ގޮސް މުވައްޒަފުންނަށް ބިރުދައްކާ، މާރާމާރީ ހިންގާ އަދި ހަވީރު ނޫހުގެ މުވައްޒަފަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.” އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެބަޔާނުގައި ވިދާޅުވެފައިވަނީ މީޑިޔާގެ މިނިވަންކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މިހާދިސާއާ ގުޅިގެން ޚަބަރުފަތުރާ ވަސީލަތްތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމަށް އިތުރު ހުރަސްތަކެއް އެޅި ބިރުވެރިކަން ފެތުރިފައިވާތީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން ޚަބަރުފަތުރާ ވަސީލަތްތަކަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ފަދަ މާހައުލެއް ޤާއިމްކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެކޮމިޝަނުން ގޮވާލައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
“މުޖުތަމަޢުގައި މާރާމާރީ ހިންގުމަށް މަގުފަހިވާ މައިގަނޑު ސަބަބުތަކެއް ކަމަށް މިކޮމިޝަނަށް ފާހަގަ ކުރެވެނީ ކުށްކުރާމީހުންނަށް ޝަރުޢީގޮތުން ލިބެންޖެހޭ އަދަބު ފުރިހަމައަށް ތަންފީޒުނުކުރެވި މުޖުތަމަޢުގެ ތެރެއަށް ކުށްވެރިން ދޫކޮށްލުމާއި، ޤާނޫނު ތަކަށް ޙުރުމަތްތެރިކޮށް ނުހިތުމާއި، އެކަކު އަނެކެއްގެ އިންސާނީ ޙައްޤުތަކަށާއި ނަފްސުގެ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަ އަށަގެންފައި ނެތުމެވެ. ޙައްޤުތަކަށް އަރައިގަތުމާއި ކުށްކުރުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ، ކުށްވެރިންގެ ޙުކުމް ތަންފީޛު ނުކޮށް، އަދި މުޖުތަމަޢަށް އަހުލުވެރިނުކޮށް މުޖުތަމަޢަށް ނެރޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މި ކޮމިޝަނުން ގޮވާލަމެވެ.” ބޔާނުގައި ވިދާޅުވެފައި ވެއެވެ.
ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ރަނގަޅުކުރުމަށް، އަދި މުޖްތަމަޢުގައި ކުށްކުރުން މަދުކުރުމަށް ސަރުކާރުގެ ކަމާބެހޭ އެއްމެހާ މުޢައްސަސާތަކާއި، ޚަބަރު ފަތުރާ ވަސީލަތްތަކާއި، މަދަނީ ޖަމިއްޔާތަކާއި އާއްމުފަރުދުން ގުޅިގެން މަސައްކަތް ކުރުމަކީ މިވަގުތު ވަރަށް މުހިއްމުވެފައިވާ ކަމެކެވެ. ދިވެހިރާއްޖޭގެ މާހައުލަކީ އަމާން، ރައްކާތެރި ތަނަކަށް ވުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އިންސާނީ ޙައްޤުތައް ލިބިގަތުމަށްޓަކައި ކޮންމެހެން ލާޒިމް ކަމެއް ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައި ވެއެވެ.











