އެމްޑީޕީގެ ހަރުގޭގައި ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި، ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ މެންބަރު މުހަމައްމަދު މުސްތަފާ ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ ރާއްޖޭގެ ރައްޔިތުންނަށް ގާނޫނީ ވެރިކަމެއް ކޮށްދިނުމަށްކަމަށް. އަދި މިއަދު ރާއްޖޭގައި މިހިނގާ ވެރިކަމަކީ ފާއިތުވި ދިގު ޒަމާން ތަކުގެ ތެރޭގައި ރާއްޖޭގައި ހިގާ އެންމެ އިންސާފްވެރި ގާނޫނީ ވެރިކަންކަމުގައި މުސްތަފާ ވިދާޅުވި.
މުސްތަފާ ވާހަކަ ދައްކަމުން ދިޔައިރުވެސް އެމްޑީޕީގެ މެންބަރުން މުސްތަފާ ޕޯޑިއަމުން ފޭބުމަށް ގޮވާލައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންދިޔަނަމަވެސް ވާހަކަ ކުރިއަށް ގެންދަވަމުން މުސްތަފާ ވިދާޅުވީ މާލެތެރޭގައި މިވަގުތު މުސްތަފާ އެމްޑީޕީ ދޫކޮށް އެހެންޕާޓީއަކަށް ދާންއުޅޭކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށާއި، މުސްތަފާ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކަށް ނުދާނެކަމަށް. މުސްތަފާގެ އިތުބާރާއިމެދު އެމްޑީޕީ މެންބަރުންގެ މެދުގައި މިވަގުތު އެންމެބޮޑަށް ސުވާލް އުފެދެންޖެހުނު އެންމެބޮޑު ސަބަބަކީ މަޖިލީހުގައި ނެގޭ ގިނަ ވޯޓްތަކުގައި މުސްތަފާގެ ނިންމުން އެމްޑީޕީއާއި ދެކޮޅަށް ނިންމަމުންދާތީކަމުގައި ބައެއް ފަރާތްތަކުން ފާހަގަކުރޭ. އެގޮތުން ކުރީގެ ރައީސަކަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރި ކަމުގެ ބިލްގެ ނުވަވަނަ މާއްދާޔަށް ޑީއާރުޕީއާއި އެއްކޮޅަށް ވޯޓްދެއްވުނީ އޮޅިވަޑައިގެންނެވުމުގެ ސަބަބުންކަމަށް މުސްތަފާ އެފަހަރުވެސް ވިދާޅުވިއިރު މިދިޔަހަފްތާގެ މަޖިލީގެ ފަހު ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް މަގާމަށް މީހަކު އައްޔަނުކޮށް ވަކިކުރުމުގައި މަޖިލީހުގެ ދައުރެއް އޮންނަގޮތަށް ފާސްކުރުމަށް އެމްޑީޕީން ދެކޮޅު ހަދަމުންދަނިކޮށް މުސްތަފާ ވަނީ އެމްޑީޕީގެ ނިންމުމާ ދެކޮޅަށް ވޯޓް ދެއްވާފަ. އެގޮތަށް ވޯޓް ދެއްވާފައިވަނީ އޮޅިވަޑައިގެންވުމުގެ ސަބަބުން ކަމަށް މުސަތަފާވަނީ ފަހުން ވިދަޅުވެފަ. އަދި މި ދެވޯޓުންވެސް މުސްތަފާއަށް އޮޅިވަޑައިގެން ޑީއާރުޕީކޮޅަށް ވޯޓް ދެއްވި ނަމަވެސް ކާމިޔާބް ލިބިފައިވަނީ އެމްޑީޕީއަށް ކަމުގައި މުސްތަފާވިދާޅުވި.











