ބުރާސްފަތި ދުވަހުގެރޭ ދިޓީވީން ގެނެސްދިން ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ވަރަށް ފަހުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ޣަފޫރު ވިދާޅުވީ ދިވެހިރާއްޖެއަކީ އެހެން ގައުމުތަކާއި އެއްގޮތަށް ސިފައިން ނުކުމެ ހަގުރާމަކޮށްގެން ހޯދާފައިވާ ގައުމެއްނޫންކަމަށާއި މިގައުމުގެ ވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައިކަމަށް. ނަމަވެސް މިނޫން ގޮތަކަށް ވެރިކަން ދެކެން ބޭނުންނަމަ ގާނޫނު ބަދަލު ކުރަންޖެހޭނެ ކަމަށާއި މިއަދު މިފެންނަނީ ޑީއާރްޕީން އެކަން ކުރާތަން ކަމަށް ޣަފޫރު ވިދާޅުވި.
ސިފައިންގެ ޗިފް އޮފް ޑިފެންސް ފޯސް ވަޒީފާއިން ވަކިކޮށް އައްޔަނުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަށްޖެހުނީ ސިޔާސީ ނުފޫޒުން އެއްކިބާ ވެގެންވާ މާހައުލެއް ސިފައިންނަށް ހޯއްދަވާދެއްވައި، މަގާމުގެ ރައްކާތެރިކަން އެބޭފުޅުންނަށް ދިނުމުގެ އިތުރުން ބޭނުން ވަގުތެއްގައި އިސްމަގާމްތަކުގައި ތިއްބަވާ ބޭފުޅުން ވަޒީފާއިން ވަކިކޮށް ހަދާތީ މިކަންކަމަށް ފުރުސަތު ނުދިނުމަށް ކަމަށް. އަދި މި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުނީ އެމް.އެން.ޑީ.އެފް.ގެ އިސް މަގާމްތަކުގައި ތިއްބެވި ދެތިން ބޭފުޅަކު ވަޒިފާއިން ވަކިކުރި ހިސާބުން ފެށިގެންކަމަށްވެސް މަހުލޫފް ވިދާޅުވި.











