އިންތިޤާލީ މަރުޙަލާގައި ޝަރުޢީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ސިޔާސީ އެކި ފަރާތްތަކުން ޝަރުޢީ ދާއިރާގެ އިތުބާރުގެއްލޭފަދަ ގޮތްގޮތަށް ވާހަކަ ދައްކަވަމުން ދާއިރު، އުއްތަމަ ފަނޑިޔާރު ހަނު ހުންނަވާކަމީ ފަނޑިޔާރުންގެ ޖަމްއިއްޔާއިން ކަންބޮޑުވާ ކަމެއްކަމަށް އެޖަމިއްޔާއިން ބުނެފި.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވަރަށްބޮޑަށް ފާޑުކިޔާ، ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ފޮނުވާފައިވާ ސިޓީއެއްގައި، ޝަރުޢީ ދާއިރާ ދޮންވެ ފައްކާވެފައިވާކަމަށް އުއްތަމަ ފަނޑިޔާރު ހީފުޅު ކުރެއްވި ނަމަވެސް ޝަރުޢީ ދާއިރާ ނަގަހައްޓަން ޖެހޭ އެއްމެ މުހިއްމު ވަގުތު ފާއިތުވެ،
މިދާއިރާއާމެދު ޢާއްމު ރައްޔިތުން އުއްމީދުކޮށްގެން ތިބިތިބުން ފަނޑުވެ، ފުނޑުފުނޑުވެ، ޝަރުޢީ ދާއިރާއާމެދު ޢާމުންގެ އިތުބާރު ކެނޑި، ޤައުމުގައި ޢަދުލް އިންސާފު ޤާއިމް ކުރުމުގެ ދާއިރާގެ ތަރުތީބެއްނެތްކަމަށް، ޢާއްމުންނަށް ޤަބޫލުކުރެވޭ ހިސާބަށް ޖުޑިޝަރީގެ ކަންތައްތައް ދިއުމަކީ ވިސްނަން ޖެހިފައިވާ ކަމެއްކަމަށް ޖަމްޢިއްޔާއިން ދެކޭ ކަމަށް އެޖަމިއްޔާއިން އުއްތަމަ ފަނޑިޔާރަސް ފޮނުވި މިސިޓީގައި ބުނެފައިވޭ. އަދި އުއްތަމަފަނޑިޔާރު ހުންނެވި މަޤާމާއި ހައިސިއްޔަތަށް ވިސްނަވައި ޝަރުޢީދާއިރާ ނެގެހެއްޓޭފަދަ ފިކުރާއި ވިސްނުމެއްގައި މަސައްކަތް ކުރެއްވުމަށްވެސް، ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ރައީސް މުޙައްމަދު ނަޢީމް ސޮއިކުރައްވާފައިވާ މި ސިޓީގައި ގޮވާލާފައިވޭ.











