ކުރީސަރުކާރުގެ އޮފީސްތަކުން ވަގަށް އެއްޗެހި ހަދައިގެން ނުވަތަ ވައްކަންކޮށްގެ ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް އަދުގެ ސަރުކާރުން ނިޝާން ގާޒީގެ އިއްޒައްތެރި ލަގަބު ދެއްވަމުން ގެންދަވާކަމަށް ޕީއޭގެ ރައީސް އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ.
އިހްތިޖާޖް ޓިމާއި، ޕީޕާލްސް އެލަޔަންސް (ޕީ.އޭ) އާއި ގުޅިގެން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީނު ވިދާޅުވީ ކުރީ ސަރުކާރުން ވައްކަންކޮށްގެ އޮފީސްތަކުން
ކަނޑާލި މުވައްޒަފުންނަށް މިސަރުކާރުން ނިޝާން ގާޒީގެ އިއްޒައްތެރި ވެރިކަން ދެއްވަމުން ގެންދަވާކަމަށް. ނަމަވެސް އެ ފަދަބޭފުޅުންނަކީ ކޮންބަޔެއްކަމެއް ޔާމީން ވިދާޅެއްނުވޭ. އަދި ސިޔާސީ އެކިއެކި ކަންކަމުގެ ސަބަބުން ހަނާވެގެންދަނީ އާންމު ރައްޔިތުންކަމަށް ވެސް ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމިނު ވިދާޅުވި.
ލާމަރުކަޒީ ބިލާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ މިފަދަ ބިލެއް ހުށަހަޅައިގެން ހުރިހާ މުއައްސާސާތަކެއް ކޯޕަރޭޝަންތަކަށް ބަދަލުކުރުމުން ކިޔަވައިގެން ތިބި ތައުލީމީ އެއްވެސް ޒުވާނަކަށް ވަޒީފާގެ ފުރުސަތު ލިބިގެން ނުދާނެކަމަށް. މިގޮތަށް ހެދުމުން ސަރުކާރުން ބޭނުންވާ ބަޔަކަށް ނޫނީ ވަޒީފާ ނުލިބޭނެކަމަށްވެސް، ތިރީސް އަހަރުގެ ވެރިކަން ކުރެއްވި މައުމޫނުގެ ސަރުކާރުގެ ވަޒީރުކަމުގައި ތޭރަ އަހަރަށްވުރެ ގިނަ މުއްދަތެއް ހޭދަ ކުރެއްވި ޔާމީން ވިދާޅުވި. އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި، މިޖަލްސާގައި ޔާމީނު ވިދާޅުވީ ގައުމުގެ ތަންތަން ވިއްކާ ވާހަކަ އަދުގެ ސަރުކާރުން ދައްކަމުންދާއިރު، ޖުމްހުރީ މައިދާނުގައި ހުރި ގައުމު ރަމްޒުކޮށްދޭ ބޮޑު ދިދަ ނޫން ހުރިހާ އެއްޗެއް ބޭރު ގައުމުތަކަށް ވިއްކާފައިވާކަމަށް. އަދި މި ދިދައިގައި ވެސް ކޮންމެވެސް ކުލައެއް ޖެހުމަކީ އެކަށީގެންވާކަމެއް ކަމަށް ޔާމީން ވިދާޅުވި.











