އިއްޔެ ހަވީރު އެސްކޫލް ކުރިމަތިން ފެށި މިމުޒާހަރާގައި 'އަރަބިއްޔާ ސްކޫލް ބޮލަށް ވެއްޓިފައި، ' އިސްލާމީ ދީނީ ތައުލީމް ނެތިގެން ދަނީ، އަދި މިއަދުން މިއަދަށް އެސްކޫލްގެ އިމާރާތަށް ހައްލެއް ބޭނުންވާ ކަމަށް އެއްވެފައި ތިބި މީހުން އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަމުންދިޔަ. މީގެއިތުރުން އަރަބިއްޔާގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވި މިމުޒާހަރާގައި އެސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީ ދަރިވަރުން ކިޔަވަންދާނެ އެހެން އިމާރާތެއް ދިނުމަށް ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލާފައިވޭ.
އަރަބިއްޔާ ސްކޫލްގެ އިމާރާތް ދުވަސް ވުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރުވެފައިވާތީ ކަމާބެހޭ ފަރާތްތަކުގައި އެކަން ދަންނަވައިގެން އެތައް ދުވަހެއް ވީއިރުވެސް އެއްވެސް އަމަލީ ސިފައެއްގައި ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް އަރަބިއްޔާ ހިންގުމާ ހަވާލުވެހުންނެވި އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ވިދާޅުވި. އަރަބިއްޔާ ސްކޫލްގެ މުދީރު އާއްމު ވިދާޅުވީ މިހާރު އެސްކޫލްގައި ކިޔަވައި ދިނުމަށް ބޭނުން ކުރަމުންދާ އިމާރާތަށް ގާތްގަނޑަކަށް ވިހި އަހަރުވެފައިވާ ކަމަށާއި އަދި މީގެ އަހަރުތަކެއް ކުރިން ފަށައިގެން އިމާރާތް ބާވުމުގެ ސަބަބުން އިމާރާތުގެ އެކި ހިސާބުތަކުން ތަންތަންގަނޑު ވެއްޓެމުންދާ ކަމަށް. މިކަން ކުރީ ސަރުކާރުގެ ސަމާލު ކަމަށް ވެސް ގެނެވިފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ވެސް އެސްކޫލްގެ މުދީރު އާންމު ވިދާޅުވި. އަދި މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވެސް ތިން ފަހަރެއްގެ މަތިން ރަސްމީ ފަރާތްތަކަށް މިކަން ހުށަހެޅިފައިވާނެ ކަމަށް ވެސް މުދީރު އާންމު ވިދާޅުވި.
އިމާރާތުގެ އެކި ހިސާބުތަކުން ތަންތަންގަނޑު ވެއްޓުނު މަންޒަރު ފެނުމުން އިއްޔެވެސް ތިން ކުއްޖަކު އަނބުރައިގަނެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވޭ. މިމައްސަލައަކީ އެސްކޫލްގެ ބެލެނިވެރިން ވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާ ކަމަކަށްވާއިރު ބައެއް ފަރާތްތަކުން ސްކޫލަށް ދަރިވަރުން ކިޔަވަން ނުފޮނުވައި ހުއްޓާލާފައިވާ ކަމަށް ވެސް ދިޓިވީއަށް މަޢުލޫމާތު ލިބިފައިވޭ. އަރަބިއްޔާ ސުކޫލަކީ މިހާރުވެސް ހަސަތޭކަ ސައްބީސް ދެ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ގެންދާ މަދަރުސާއެއް. ކުރިން މައުހަދުގައި ސެކަންޑަރީ ތައުލީމް ހާސިލް ކުރަމުން އައި ދަރިވަރުންވެސް ވަނީ ވޭތުވެދިޔަ ދެހާސް ނުވަވަނަ އަހަރުން ފެށިގެން އަރަބިއްޔާ ސްކޫލަށް ބަދަލުކޮށްފައި. މިސަރުކާރުން އިސްލާމީ ތަޢުލީމަށް އިސްކަން ނުދޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަޑު އުފުލަން ފެށީ ކުރީގެ ސަރުކާރުން ކުއްލިއްޔާއަށް އިތުރުކޮށްދީފައިވާ ބިން އެސްކޫލްގެ ކަމާބެހޭ ފަރާތްތަކަށް އެނގުމަކާއި ނުލައި ސަރުކާރަށް ނެގުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ. މިކަމާ ގުޅިގެން ކުއްލިއްޔާގެ ދަރިވަރުންނާ ބެލެނިވެރިންވެސް ވަނީ ނުރުހުންފާޅުކޮަށް ހިނގާލުންތައް ބާއްވައި އަޑުއުފުލާފައި.











