މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރާކަމަށް ތުހުމަތުކޮށް މިދިޔަ އަހަރު ފުލުހުން ހައްޔަރުކުރި ހ. ރީނދޫގެ އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތުނުވެ ދޫކޮށްލަންޖެހުނީ މިއަދު ސަރުކާރުގެ އިސްވެރިން މިމައްސަލައިގެ ތެރެއަށް އެބޭފުޅުންގެ ދިގުއަތް ބާނާފައިވާތީ ކަމަށް ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމަށް އިންތިހާބުކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ.
ޑީއާރްޕީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ހ. ރީނދޫގެ އާދަމް ނަސިރު މައްޗަށް ކުށް ސާބިތުނުވެ މިއަދު ދޫކޮށްލަށްޖެހުނު
ސަބަބެއްކަމަށް އެންމެ ބޮޑަށް މިހާރު ބެލެވެނީ ޝަރީއަތަށް ބޭނުންވާ ބައެއް މުހިންމު ހެކިތައް ހުށަނޭޅުމުގެ ސަބަބުންކަމަށް. މީގެތެރޭގައި އެކަން ހިގާފައިވާ ވީޑީއޯތަކާއި ފިންގާރ ޕްރިންޓް ފަދަ ހެކިތައް ލިބި ޝަރީއަތަށް ހުށަހަޅާފައިނުވާކަމަށް އޭނާ ވިދާޅުވި. އަދި މިފަދަ ގޮތަކަށް މިހެކިތަން ޝަރީއަތަށް ހުށެހެޅިފައިނުވަނީ ސަރުކާރުގެ އިސްވެރިންގެ އަތެއް މިކަމުގައި ވާތީކަމަށް އުމަރު ތުހުމަތު ކުރެއްވި.
އުމަރު ވިދާޅުވީ މިހާރުގެ ސަރުކާރުގެ އެޓާނީ ޖެނަރަލް ހުސުނުއް ސުއޫދަކީ މިހާރު ދޫކޮށްލެވިފައިވާ އާދަމް ނަސީރާއި ދެހާސް އަށްވަނަ އަހަރު ދޭއް ޕޮއިންޓް އަށެއް ކިލޯ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ގ. ހިލްމަން އަބްދުލް ހަމީދު އަބުދުއް ސަމަދު އާއި ވަރަށް ގާތް ބޭފުޅެއްކަމަށް. އަދި އަބުދުއް ހަމީދު އަބުދުއްސަމަދުގެ މައްސަލަ ހިގަމުން ދިޔަ ދުވަސްވަރު ހެކިންނަށް ރިޝްވަތު ދީފައިވާކަމަށްވެސް އުމަރު ވިދާޅުވި. އުމަރު ވިދާޅުވީ މިމައްސަލައާއި ގުޅިގެން ފުލުހުންނަށް ރިޝްވަތު ދިފައިވާ ބަޔާންތަކެއް މިހާރު ލިބިފައިވާކަމަށާއި މިބަޔާންތައް މިހާރުވެސް ކޯޓްތަކަށް ހުށަހަޅާފިކަމަށްވާނަމަ އެޓަނީ ޖެނެރަލް ހުސުނުއްސޫއޫދުގެ މައްޗަށް ކުށް ސާބިތު ވާނެކަމަށް.
މީގެއިތުރުން އައީޑީޕީ އުވާލިކަމަށް ވިދާޅުވެ ޑީއާރްޕީއާއި ގުޅިވަޑައިގެން މާގިނަދުވަހެއް ނުވަނީސް ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމަށް ހޮވިވަޑައިގެންފައިވާ އުމަރު ވިދާޅުވީ ހުސުނުއްސުއޫދު ރިޝްވަތު ދީފައިވާ މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ ދާޚިލީ ކޮމެޓީއަށް ހުށެހެޅުމަށް ނިންމާފައިވާކަމަށް.











