ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު އެރުވުމަށް ބާއްވާ ޖަލްސާ، އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާގައި ރިޔާސަތުން މަޖިލީހަށް ހުށަހަޅާކަންތައްތައް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރިޔާސީ ބަޔާނަށް ޖަވާބު އެރުވުން އަންނަ ހަފްތާގެ ބުދަ ދުވަހު އޮންނާނެކަމަށް. އިއްޔެ އިސްލާހުކުރެވުނު މަޖިލީހުގެ ގަވާއިދުގެ ފަންސަވީސް ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ،
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާންއިއްވުމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީފިޔަވާ ދެންއެންމެ ގިނައިން މެންބަރުންތިބި ޕާޓީތަކުގެ ފަރާތުން އެރިޔާސީ ބަޔާނަށް ދޭނެ ޖަވާބެއް ތައްޔާރުކޮށް، މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާނަށް ދޭ ޖަވާބެއްގެ ގޮތުގައި އިއްވަންވާނެކަމަށް.
މަޖިލީހުގެ ގަވާއިދުގެ ފަންސަވީސް ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ޖަވާބުތައްޔާރުކުރާނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރުންފިޔަވައި މަޖިލީހުގައި ހިމެނޭ އެހެންޕާޓީތަކުގެ މެންބަރުންގެ ހިޔާލާއިފިކުރު ހިމަނައިގެންކަމަށް. އަދި އެމެންބަރުންގެ ހިޔާލާފިކުރު ހުރިގޮތް ހޯދުމަށްޓަކާ ބައްދަލުވުމެއް ބާއްވާ، މަޝްވަރާކުރަންޖެހޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވޭ. އެގަވާއިދު ބުނާގޮތުން ރިޔާސީ ބަޔާން އިއްވިއިރު، އެޖަލްސާ ވަގުތުން ދުރަށް ފޮނުވުމުގައި ހަރަކާތްތެރިވި ފަރާތްތަކުން، ރިޔާސީ ބަޔާނަށް ދޭ ޖަވާބުވެސް ހަމަ އެއުސޫލުން ވަގުތުން ދުރަށް ފޮނުވަންޖެހޭ. އަދި ސާދަ ދުވަހުގެ ތެރޭގައި ރިޔާސީ ބަޔާނަށް ޖަވާބެއްދޭންވާނެކަމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި ބުނެފައިވޭ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑު އިދިކޮޅުޕާޓީއަކަށް އޮތީ ޑީއާރުޕީ. އެޕާޓީގެ ލީޑަރުކަށް އިންތިހާބުވެފައިވާ ބ.ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ، ރައީސް ނަޝީދުގެ ރިޔާސީ ބަޔާނަށް ރައްދުދެއްވަމުން މިދިޔަ ހޯމަދުވަހު ވިދާޅުވެފައިވަނީ ސަރުކާރުން ޕާޓީތަކާއެކު މަޝްވަރާކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެއްކަމަށް. އަދި ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓާލަންޖެހިފައިވާކަމަށް ތަސްމީން ވިދާޅުވެފައިވޭ.











