ރަލުގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާކުރުމަށް ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު އެދިފައިވާކަމަށާއި، ރާވިއްކުން ހުއްދަކޮށްފިނަމަ އެންމެ ފުރަތަމަ ސަރުކާރުން އިސްްތިއުފާ ދެއްވާ ބޭފުޅެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުހަންމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވެއްޖެ.
ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާއި، ގެންގުޅުމުގެ ހުއްދަ ދިނުމާ ބެހޭގަވާއިދަށް ބަދަލުގެނައުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތާއިމެދު، ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް
ޚިޔާލުތަފާތުވެފައިވަނިކޮށް، އަދާލަތު ޕާޓީއާއި މަދަނީ އިއްތިހާދުން ގުޅިގެން މިއަދު ހަވީރު ވަނީ ވަރަށް ބޮޑު އެއްވުމެއް ބާއްވާފައި. މި މުޒާހިރާގައި ވާހަކަ ދައްކަވަމުން، އަދާލަތު ޕާޓީގެ އިސްތަރުޖަމާނު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަކޮށްފިނަމަ އެންމެ ފުރަތަމަ ސަރުކާރުން އިއްތިއުފާ ދެއްވާ ބޭފުޅެއްގެ ގޮތުގައި އޭނާ ވެގެންދާނެ ކަމަށް.
މިއަދު ބޭއްވި މުޒާހަރާ ނިންމާލުމަށް ފަހު ޝަހީމް ވިދާޅުވީ އެބޭފުޅުންނާއި ރައީސް ނަޝީދާއި ބައްދަލުވެއްޖެ ނަމަ، ދީނުގައި އެކަން އޮތްގޮތް އެމަނިކުފާނަށް ދަންނަވާނެކަމަށާއި ކުރިންވެސް ތަކުރާރުކޮށް އެކަން ދަންނަވައި ސިޓީވެސް ފޮނުވާފައިވާނެކަމަށް.
އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ޝަހީމް ވިދާޅުވީ ރަލުގެ މައްސަލާގައި އިކޮނޮމިކް މިނިސްޓްރީން ދެވަނަ ފަހަރަށް ގަވާއިދު އާންމު ކުރުމާއި ގުޅިގެން ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފައިވާނެކަމަށް. ނަމަވެސް ހަތަރު ދުވަސް ފާއިތުވެގެންދިޔައިރުވެސް އެމަނިކުފާނާ ބައްދަލުވާގޮތް ވެފައިނުވާކަމަށް ޝަހީމް ވިދާޅުވި.
ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު، އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވައިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ޝަހީމް ވިދާޅުވީ ރަލުގެ މައްސަލާގައި ސަރުކާރުގެ ވިސްނުން ބަދަލު ނުކޮށްފިނަމަ، އިތުރު ހަރާކާތްތަކެއް ކުރިއަށް ރޭވިފައިވާކަމަށް. އެހެންމަވެސް އެއީ ކޮންކަހަލަ ހަރަކާތްތަކެއްކަމެއް ޝަހީމް ވިދާޅެއް ނުވޭ. ރަލުގެ މައްސަލާގައި އަދާލަތު ޕާޓީއާއި މަދަނީ އިއްތިހާދުން ގުޅިގެން މިއަދު ހަވީރު، ހެންވޭރު އަޑު ސަރަހައްދުގައި ބޭއްވި މުޒާހަރާގައި މަޝްހޫރު ދީނީ އިލްމްވެރިން މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވޭ. އެގޮތުން އެމްޑީޕީ އިއްތިހާދުގެ ސަރުކާރަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ދީނީ އިލްމުވެރިންގެ ތެރެއިން، އެންމެ ބޮޑަށް އެމަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޝައިޚް އިލިޔާސް ހުސައިންވެސް މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވޭ. އިލްޔާސް ވިދާޅުވީ އަދާލަތު ޕާޓީން ރައީސް ނަޝީދާއި ބައްދަލުކުރުމަށް ސިޓީއެއް ފޮނުވާފައިވާކަމަށާއި ދެހަފްތާވެގެން ދިޔައިރުވެސް އެމަނިކުފާނުގެ ފައިންޕުޅު ފެނުމުގެ ފުރުސަތު ލިބިފައިނުވާކަމަށް.











