ގަވާއިދެއްހެދިޔަސް އަދި އެނޫންކަމެއްގައިނަމަވެސް ރައްޔިތުން ނޭދޭގޮތައް މިސަރުކާރަކުން އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެ، އެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް އަރުވައިފި.
ރައީސް ނަޝީދު ރައްޔިތުންނަށް ޔަގީންކަން އަރުވާފައިވަނީ ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއްވުމާބެހޭ ގަވާއިދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން
ވަރަށް ބޮޑަށް ކަންބޮޑުވުން ހާމަކުރަމުން ގެންދާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން. ޣައިރު މުސްލިމުންނަށް ބަނގުރާ ބުއިމުގެ ހުއްދަ ދެއްވުމުގެ ގަވާއިދަށް ރާއްޖޭގައި ޢަމަލު ކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށާއި، މިގަވާއިދުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅުމާއި ބުއިމުގެ ހުއްދަ އެތައް ސަތޭކަ ބަޔަކަށް ކުރިން ދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. އަދި އެކަމުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްރަށުގައި ވަރަށް ބޮޑަށް ބަނގުރާ ޢާންމުވެފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި. މިމޭރުމުން ވާހަކަދައްކަވަމުން ސަރުކާރުން އެގަވާއިދަށް ބަދަލުގެންނަން ނިންމީ ހެޔޮނިޔަތުގައި އިޖްތިމާޢީ މައްސަލައެއް ޙައްލު ކުރުމުގެ ބޭނުމުގައިކަމަށާއި ނަމަވެސް އެބަދަލުގެނައުމަށް ރައްޔިތުން ނޭދެނަމަ، ސަރުކާރުން އެކަން ކުރަން ބޭނުންނުވާކަމަށް ރައީސް ވިދާޅުވި.
ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގަވާއިދަކަށް ސަރުކާރުން ބަދަލުގެނައުމުގައި ކިތަންމެ މަރްޙަލާއެއް ގެންގުޅެން ޖެހޭކަމަށާއި އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ބުއިން މަނާކުރުމާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅުނުކަމަށް. އަދި މަޖިލީހުން އެބިލް ބަލައެއްނުގަންނަކަމަށާއި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާއި، ގެންގުޅުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ގަވާއިދަށް އިޞްލާޙު ގެންނަން ބޭނުންވެ، އެ އިޞްލާޙު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށްވެސް ފޮނުވުނުކަމަށް ރައީސް ނަޝީދު ވިދާޅުވި. އަދި ގަވާއިދު ކޮމިޓީއިންވެސް އެއްވެސް އިޞްލާޙެއް ގެނައުމެއްނެތި އަނބުރާ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއަށް އެ ގަވާއިދު ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވި.
ރައްޔިތުން ނޭދޭކަމެއް ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ރައްޔިތުން ނޭދޭކަންކަން ނިންމަން ބަލާނެ ހަމަތަކާއި އުސޫލްތަކެއް ސީދާ ސާފު ބަހުން ވިދާޅުނުވާކަން ގިނަ ބަޔަކު ފާހަގަކުރޭ.











