ނަވާރަ ސަތޭކަ ފަސްދޮޅަސް ދެވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުން ހަވަރު ތިނަދުއަށް އަރައި، އެރަށުގެ ރައްޔިތުންނާ މެދު ހިންގާފައިވާ ޖަރީމާތައް ރަނގަޅަށް ބަލައި ތަހުގީގު ކޮށްދިނުން އެދި ދިވެހި ދައުލަތަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި.
މި ޕެޓިޝަންގައި ސޮއި ކުރަން ފަށާފައިވަނީ ހަވަރު ތިނަދޫއަށް އަރައި ނާސިރުގެ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ އަމަލު ތަކަށް
ސާޅީސް އަށް އަހަރު ފުރުން ފާހަގަ ކުރުމަށް ތިނަދޫ ރައްޔިތުން އިންތިޒާމްކޮށްގެން ހެދިގޮޑުދޮށް ސަރަހައްދުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބައްދަލުވުމެއްގައި. މި ޕެޓިޝަންގައި އެންމެ ފުރަތަމަ ސޮއި ކުރައްވާފައިވަނީ ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު.
މި ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ވަހީދު ވިދާޅުވީ ތިނަދުއަށް އަރާ ނާސިރުގެ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ އަމަލުތަކަކީ ދުނިޔޭގެ ތާރިޚުގައި އެއްވެސް ސަރުކާރަކުން އެގައުމެއްގެ ރައްޔިތުންނާ ދޭތެރޭ އަމަލުކޮށްފައިވާ ގޮތެއްނޫން ކަމަށް. އަދި މިއަމަލުތައް އެންމެ ވައްތަރީ ދާދި ފަހުން ދާރު ފޫރުގައި ހިންގާފައިވާ ޤަތުލުއާނމްއާއި، ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ކަމަށް ޑރ ވަހީދު ވިދާޅުވި. މީގެއިތުރުން ތިނަދޫ ހާދިސާއަކީ ދިވެހި ތާރީޚުގެ މުހިއްމު ބައެއް ކަމަށާއި ދާދި ފަހަކާ ޖެހެންދެންވެސް ދިވެހި ސަރުކާރުން ބަލަމުންއައީ ތިނަދޫއަށް ދިމާވެފައިވާ މި ހާދިސާ ތަކަކީ ދެކުނު މީހުންގެ ކުށެއްގެ ގޮތުގައި ކަމަށް ޑރ ވަހީދު ވިދާޅުވި. މިކަމުގެ ސަބަބުން ދެކުނު މީހުންނަށް ކަންކަން ކޮށްދީ ތަރައްގީ ކުރުން އެއީ ގޯހެއް ކަމަށް ދެކެމުން އައި ކަމަށް ވެސް ޑރ ވަހީދު ވިދާޅުވި.
ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިބައްދަލުވުން އިންތިޒާމް ކުރި ފަރާތުން މައުލޫމާތުދޭ ގޮތުގައި މިޕެޓިޝަންގައި ރޭ އެކަނިވެސް ހާހަކަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައި. މިހަރަކާތް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މިމަހުގެ މެދުތެރޭގައި މިޕެޓިޝަން ރައީސަށް އަރުވާގޮތަށް ވަނީ ހަމަޖެހިފައި.











