ފައިސާގެ މައްސަލައެއްގައި ޑީއާރުޕީގެ ނާއިބް ޒަޢީމް އަޙުމަދު ތަސްމީން ޢަލީއާ ދެކޮޅަށް ޕީއޭގެ ރައީސް އަދި ކުރީގެ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޮ އަބްދުﷲ ޔާމީން މަދަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި.
މަދަނީ ކޯޓްގެ އޮފިޝަލަކު ދިޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ އެއްތިރީސް ވަނަ ދުވަހުކަމަށް. އަދި އެމައްސަލަ ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށާއި ކޯޓަށް ދަންކަންޖެހޭ ފީވެސް މިއަދު ދައްކާފައިވާކަމަށް މަދަނީކޯޓުގެ އޮފިޝަލް ވިދާޅުވި.
މިމައްސަލައާއި ގުޅުންހުރި ފަރާތަކުން ދިޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމައްސަލައަކީ މީގެ އަހަރެއްހާދުވަސް ކުރިން ޔާމީންގެ އަތުންް ތަސްމީން ނަންގަވާފައިވާ އެއްލައްކަ ޑޮލަރު ހޯއްދެވުމަށް ޔާމިން ކުރައްވާ ދައުވާއެއްކަމަށާއި އެފައިސާ ތަސްމީން ނަންގަވާފައިވަނީ އެއްމަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކަވާގޮތައްކަމަށް. އޭނާ ވިދާޅުވީ މައްސަލަ ކޯޓަށް އުށަހެޅުމުގެ ކުރިން ތަކުރާރުކޮށް ތަސްމީނަށް ފޯނުން ގުޅުއްވި ކަމަށާއި އަދި ސިޓީއެއްވެސް ފޮނުއްވާފައިވާނެކަމަށް.
އެހެންނަމަވެސް ތަސްމީން ފޯނަށްވެސް ޖަވާބު ނުދެއްވާކަމަށާއި އަދި ސިޓީއަށްވެސް ޖަވާބެއް ދެއްވާފައިނުވާކަމަށް މިމައްސަލައާއި ގުޅުންހުރި ފަރާތުން ވިދާޅުވި. ދިޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީންގެ އަތުން ތަސްމީން ނަންގަވާފައިވާކަމަށް ބުނާ މިފައިސާ ދޫކުރައްވާފައިވަނީ އެގްރިމެންޓަކާ ނުލާ ބޭންކް ޗެކަކުން. މިކަމާ ގުޅިގެން ތަސްމީނާ ޔާމީނުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، އެ ބޭފުޅުން ފޯނުނުނަންގަވާތީވެ، ވަނީ ކާމިޔާބުވާގޮތްނުވެފަ.
ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އެވަންޓް ގަރޑް ލޯފާމުން މިކަމާ ގުޅިގެން ބުދަ ދުވަހު ހަވީރު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަހްމަދު ތަސްމީން އަލީގެ ގާނޫނީ ހުރިހާމަސައްކަތެއް ކުރަނީ އެލޯފާމުންކަމަށާއި އެމައްސަލައިގެ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް. އަދި ތަސްމީންގެ ފަރާތުން އެކަމަށް އެއްވެސް އެއްޗެއް ބުނެވޭނީ، މައްސަލައިގެ ލިޔުންތައް ލިބިގެންކަމަށް އާޒީމާ ސޮއިކުރައްވާ ނެރެފައިވާ މި ނޫސްބަޔާނުގައި ބުނެފައިވޭ.
ޑީއާރުޕީގެ ނާއިބް ޒަޢީމްކަމުގެ މަގާމް ފުރުއްވަމުންގެންދަވާ އަހްމަދު ތަސްމީން އަލީއަކީ މިހާރު އެޕާޓީގެ ޒައީމްކަމަށް އޮޓަމެޓިކުން ހޮވި ވަޑައިގެންފައިވާ ބޭފުޅެއް. ތަސްމީން އޮޓަމެޓިކުން ޒަޢީމްގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވިއިރު ތަސްމީން ފިޔަވައި އެހެން އެއްވެސް ފަރާތަކުން މަގާމަށް ކުރިމަތިލައްވާފައި ނުވާތީ. ޑީއާރުޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ޒައީމްކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސަރުތުތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ އެންމެ މަތީވެރިޔާގެ ކިބައިގައި ހުންނަންވާނެކަމަށް ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް. އެފަދަ ފަރާތެއްގައި ހުންނަންވާނެކަމަށް ގާނޫނު އަސާސީގެ ސަތޭކަ ނުވަނަ މާއްދާގައި ބުނާ ޝަރުތު ތަކުގެ ތެރެއިން އެމާއްދާގެ (ބ) ގައި ބުނެފައިވަނީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، އެދަރަންޏެއް އަދާ ނުކޮށް ހުރިމީހަކަށް ވެގެން ނުވާނެކަމަށް. ތަސްމީނާއި ދެކޮޅަށް ޔާމީން ކޯޓަށް މިމައްސަލަ ހުށަހަޅުއްވާފައިވާއިރު ސަރުކާރާއި ވާދަވެރި ޑީއާރުޕީ ކޯލިޝަންގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައި.
ތަސްމީނާއި ގާތް ގުޅުމެއް އޮންނަ ބޭފުޅަކު މިއަދު ވިދާޅުވީ މިމައްސަލާގައި ޔާމީންގެ ފަރާތުން ތަސްމީނަށް އެއްވެސް ސިޓީއެއް ފޮނުއްވާފައި ނުވާކަމަށާއި އަދި ކޯލިޝަން ޕާޓްނަރަކަށްހުންނަވައިގެން ކޯޓަށް ވަޑައިގަތުމުގެ ކުރިން އެކަހަލަ އިޝާރާތެއްވެސް ކުރައްވާފައި ނުވާކަމަށް. ޑީއާރްޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރާނީ ޕާޓީގެ ޒަޢީމްކަމަށް ވާއިރު ޑީއާރްޕީ ކޯލިޝަންގައި ހިމެނޭ ޕީއޭގެ ރައީސް މިހާރުވަނީ 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފަ. ތަސްމީނާއި ޔާމީނާ ދެމެދު މިހާރު ޖެހިގެން އުޅޭ ޚިޔާލު ތަފާތު ވުމަކީ މިއީކަމުގައި ބައެއް ފަރާތްތަކުން ބުނޭ.











