ސިވިލްސާވަންޓުންގެ މުސާރަ އިހު ހުރިވަރަށް މިމަހު ބޮޑުނުކޮށްދީފިނަމަ އެކަން ވެގެންދާނީ ސިވިލްސާވަންޓުގެ މުސާރަ ބޮޑުނުކޮށް ދެމެހެއްޓުމަށް ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ބާރަކަށް ކަމަށާއި އެފުރުސަތު ސަރުކާރަށް ނުދިނުމަށް ޑީއާރުޕީން ސިވިލްސާވަންޓުންނަށް ގޮވާލައިފި.
ޑީއާރުޕީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ތަކެތީގެ އަގު އިންތިހާދަރަޖައަށް އުފުލި، ގައުމުގެ
އިންފްލޭޝަން މައްޗަށްގޮސް، ކިޔަވާކުދިންގެ ފީ ބޮޑުވެ، ގައުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ ދަޑިވަޅެއްގައި، ގައުމުގެ އެތައް އާއިލާއެއް، އެ ބަޔަކަށް ބަރޯސާވާ ސިވިލްސާވަންޓުގެ މުސާރަ ކުޑަކުރުމަކީ މިކަންތައް ރަނގަޅު ކުރެވޭނެ ގޮތެއް ނޫންކަމަށް. އަދި މިގޮތަށް ސަރުކާރުގެ އަމަލުތައް ބަހައްޓާނަމަ ސަރުކާރަށް ދޫނުދީ މުސާރަ ބޮޑު ކުރަންދެން މިއަދުން މިއަދަށް މުޒާހަރާއަށް ނިކުންނަށް ޖެހިދާނެކަމަށް އަލީ ވަހީދު ވިދާޅުވި.
އިތުރަށް ވާހަަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މިސަރުކާރަކީ ރައްޔިތު މީހާގެ ޖީބަށް ފައިސާ ގިނަކުރަން މަސައްކަތް ކުރާ ސަރުކާރެއް ނޫންކަމަށާއި، ސަރުކާރުގެ އަމާޒަކަށް ވެފައިވަނީ މިމަހު ސިވިލްސާވަންޓުންގެ މުސާރަ ބޮޑުވިޔަނުދީ ހިފަހައްޓައި، ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި މިގޮތުގައި މި މުސާރަގައި ހިފެހެއްޓުންކަމަށް. އެހެންކަމުން ސަރުކާގެ މިވިސްނުމަށް ފުރުސަތުނުދީ، މިހާރުން މިހާރަށް ސިވިލްސާވަންޓުން އެބައިމީހުންގެ ހައްގުތަށް ހޯދުމަށް އޮފީސް ތެރެއިންނާއި، މަގުމަތީން މަސައްކަތް ފެށުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމުގައި އަލީ ވަހީދު ވިދާޅުވި.











