ޑީއާރްޕީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ޕާޓީގެ ޒަޢީމްގެ މަގާމުގައި އަބަދުވެސް ކުރީގެ ރައީސް މައުމޫން ހުންނެވުން ކަމަށާއި އެނޫން ބޭފުޅަކަށް އެލަގަބު ދެއްވަން ބޭނުން ނުވާ ކަމުގައި ރައީސް މައުމޫންގެ ސަރުކާރުގައި އެންމެ ފަހުން ސަރުކާރުގެ ތަރުޖަމާންގެ މަގާމު ފުރުއްވި މުހަންމަދު ހުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.
އައިޑީޕީ އުވާލެއްވި ކަމަށް އިޢުލާން ކުރެއްވުމަށްފަހު އެޕާޓީގެ ރައީސް އުމަރު ނަސީރު ޑީއާރްޕީއާއި ގުޅިވަޑައިގެންނެވުމުގެ އުފަލުގައި އާދިއްތަ ދުވަހުގެރޭ
ހެދި ގޮނޑުދޮށުގައި ބޭއްވި ބައްދަލު ވުމެއްގައި ވާހަކަ ދައްކަމުން މުންދު ވަނީ ޒަޢީމް ކަމުގެ މަގާމު ނުވަތަ އެލަގަބު އެހެން މީހަކަށް ނުލިބޭގޮތަށް ޕާޓީގެ ގަވާޢިދުތައް އިސްލާހު ކުރުމަށް ގޮވާލައްވާފައެވެ. މުންދު ވިދާޅުވީ ޕާޓީގެ މެންބަރުން އަދިވެސް ބޭނުންވަނީ ކުރިއަށް އޮތްތާގައިވެސް ޕާޓީގެ ޒަޢީމް ކަމުގެ މަގާމުގައި ރައީސް މައުމޫން ހުންނެވުމަށް ކަމަށެވެ.
ޑީއާރްޕީގެ ކުރިއަށް އޮތް ކޮންގްރެސްގައި ޕާޓީގެ މަގާމުތަކަށް ވާދަކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެއެވެ. ހޮނިހިރު ދުވަހު ޕާޓީގެ އޮފީހުގައި އުމަރު ނަސީރު ޕާޓީއަށް ސޮއިކުރުމަށް ބޭއްވި ހަފުލާއަށްފަހު ބޭއްވި ނޫސްކޮންފަރެންސްގައި، ޕާޓީގެ ޒަޢީމްގެ މަގާމަށް ވާދަކުރައްވާނެތޯ ސުވާލު ކުރުމުން ޒަޢީމް މައުމޫން ނޫނެކޭ ވިދާޅުވެފައެއް ނުވެއެވެ. މިކަމުގައި ގޮތެއް ނިންމަވާނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކަމަށް މައުމޫން ވިދާޅުވި ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނަނީ މައުމޫން މިފަހަރުވެސް ޕާޓީގެ ޒަޢާމަތަށް ވާދަކުރައްވައި ގޮނޑި ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ. މައުމޫން ކުރިމަތިލައްވާ މަގާމަކަށް ނާއިން ޒަޢީމް ތަސްމީން ވާދަނުކުރައްވާނެ ކަމަށް މައުމޫން ވިދާޅުވި ނަމަވެސް ތަސްމީން ޑީއާރްޕީގެ ޒަޢާމަތާ ހަވާލު ވުމަކީ ޕާޓީގެ ގިނަ ބަޔަކު އެދޭ ކަމެއް ކަމުގައި ޑީއާރްޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ޕާޓީ ބައިބައިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވެސް ގިނަ ފަރާތްތަކުން ބުނެއެވެ.
.










