އިސްލާމީ ޝަރިއަތުގައި ކަނޑައެޅިފައިވާ ބައެއް ހުކުމްތައް ރާއްޖޭގެ ގާނޫނުލް އުގޫބާތުން އުނިކުރުމަށް ފެންނަ ކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވުމާގުޅިގެން ގިނަ ބަޔަކު އެކަމާ ފާޑުކިޔަން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ފޮނުވި ރޭޑިޔޯ ޚިޠާބުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަޙުޘް ކުރެވެމުންދާ ޤާނޫނުލްޢުޤޫބާތުގެ ބިލުގައި، ޢުޤޫބާތެއްގެ ގޮތުގައި އަތް ކެނަޑުމާއި މަރަށް މަރުހިފުން
ކަނޑައެޅިފައި އޮތް ނަމަވެސް މަރުގެ އަދަބު ދިނުމާއި އަތް ކެނޑުން ގާނޫނުލް އުގޫބާތުގައި ހިމަނަން ފެނިވަޑައި ނުގަންނަވާކަމަށެވެ. އިންސާނެއްގެ ފުރާނަ ހިފެންޖެހޭނީ، ވަރަށް އިންޞާފުވެރި ޝަރީޢަތެއް ކުރެވިގެން ތަންފީޒު ކުރެވޭ ޙުކުމެއްގެ ތެރޭގައިކަމަށާއި، ރާއްޖޭގެ ޝަރްޢީ ނިޒާމަކީ އެހާ އިންޞާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭފަދަ ޤާބިލުކަން ލިބިފައިވާ ޝަރީޢަތުގެ ނިޒާމެއް ކަމަށް ރައީސް ނަޝީދަށް ގަބޫލުފުޅު ނުކުރެއްވޭކަމަށް ހުކުރު ދުވަހުގެ ހިތާބުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މަރުގެ ޙުކުމާއެކުގައި އަންނަ ކޮންމެ ރައްޔިތެއްގެ ޙުކުމް މަޢާފް ކުރުމުގެ ބުރަ ނުވަތަ އެ ޙުކުމް ތަންފީޒު ކުރުމުގެ ބުރަ އައިސް އެންމެފަހުން ހުއްޓޭނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައިކަމަށާއި، ރައީސް ނަޝީދުގެ ނަޒަރުގައި ބުއްދިވެރި ގޮތަކީ މީހުންގެ ފުރާނަ ހިފުން ޤާނޫނުލްޢުޤޫބާތުގައި ނުހިމެނުންކަމަށް ވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ގާނޫނުލް އުގޫބާތުގައި އަދަބެއްގެގޮތުގައި އަތްކެނޑުމާއި މަރުގެ އަދަބުތައް ހިމަނަން ފެނިވަޑައިނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެކަމާ އިންކާރުކޮށް ވާހަކަ ދައްކާފައެވެ. އަދާލަތު ޕާޓީން ބޭއްވި ޖަލްސާގައި އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވީ، ވެރިމީހާއަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އިސްލާމީ ޝަރީއަތާއި ޚިލާފަށް ގާނޫނުތަކާއި ގަވާއިދުތައް ހަދައި ރައްޔިތުންގެ މައްޗަށް އެގަވާއިދުތައް ތަންފީޒުކުރުމުގެ އެއްވެސް އިހްތިޔާރެއްލިބިފައި ނޯންނާނެކަމަށެވެ.
އަދާލަތު ޕާޓީން މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ޢިލްމް ވެރިޔާކަމަށް ގިނަ ބަޔަކު ދަޢުވާ ކުރާ ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ދީނީ ޢިލްމްވެރިޔާ މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައިވެސް ރާއްޖޭގައި މަރަށް މަރު ހިފުމާއި ވައްކަން ކުރުމުން އަތް ކެނޑުމާއި ޒިނޭ ކުރުމުން ރަޖަމް ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމުން އިސްލާމްދީނުގައި ކަނޑައެޅިފައި އޮންނަ ހުކުމް ފަދަ ހުކުމްތައް ތަންފީޒު ކުރައްވާފައެއް ނުވެއެވެ.











