ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުކަން ކުރިންވެސް ކުރެއްވުމަށް ފަހު އެޕާޓީއާ ވަކިވެވަޑައިގެން ވެރިކަންކުރާ އެމްޑީޕީއާ ގުޅުނު ނަމަވެސް
އެމްޑީޕީން ވަކިވެވަޑައިގެން އަލުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.
ދިމިނިވަންއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެން އެންމެ ފުރަތަމަ ނިންމެވީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވަން ކަމަށެވެ. ނަމަވެސް ސިޔާސީ ޕްލެޓްފޯމުގައި މިވަގުތު އެންމެ ރަނގަޅަށް ހަރަކާތްތެރި ވެވޭނީ އަމިއްލަ ޕާޓީއެއް އުފެއްދުމަށްވުރެ ޕާޓީއަކާ ގުޅިގެން ކަމަށް ފަހުން ވިސްނިވަޑައިގެންނެވި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"އެގޮތުން ޕާޓީއަކާ ގުޅޭނަމަ އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އަލުން ޖުމްހޫރީއާ ޕާޓީއާ ގުޅުން، ކުރިންވެސް ޖުމްހޫރީގައި މަސައްކަތް ކުރެވިފައިވުމާއި ޖުމްހޫރީ ޕާޓީއަކީ މިވަގުތު އަޅުގަނޑު ގުޅެން އެންމެ ރަނގަޅު ޕާޓީ ކަމަށް ވިސްނުނީ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީވެސް އަޅުގަނޑު ވަރަށް ގަބޫލު ކުރާ ސިޔާސީ ލީޑަރެއް. އެހެންވީމާ އަޅުގަނޑަށް ސިޔާސީ ގޮތުން އެންމެ ބޮޑު ކާމިޔާބެއް ލިބެން އޮތީ ޖުމްހޫރީ ޕާޓީއާ ގުޅިގެން ކަމަށް ފެނުނީ" ޖާބިރު ވިދާޅުވިއެވެ.
އެމްޑީޕީގެ ފަންޑްރައިޒިން ކޮމިޓީގެ މެމްބަރަކަށް ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި ޖާބިރަކީ ޓޫރިޒަމް ދާއިރާގައި ގިނަކާމިޔާބު ތަކެއް ހޯއްދަވާފައިވާ އަދި ސިޔާސީ ގޮތުންވެސް ރަނގަޅު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން ޖާބިރު ފަދަ ސިޔާސީ އަދި މަޝްހޫރު ވިޔަފާރިވެރިޔަކު ޖުމްހޫރީ ޕާޓީއާ ގުޅިއްޖެނަމަ އެކަން ވެގެންދާނީ ޖުމްހޫރީ ޕާޓީއަށް ސިޔާސީ ގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށްވެސް ބަޔެއް ފަރާތް ތަކުން ބުނެއެވެ.
ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިސްވެ ހުންނަވައި ހިންގަވާ ޕާޓީއެކެވެ.











