ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ އަބްދުﷲ ގާޒީ އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އިންތިޚާބު ކޮށްފައިވާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމިއްލަފުޅު ބޭސްފަރުވާއެއްގައި ރާއްޖެއިން ބޭރު އުޅުއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންނެވި ގާސިމް އިބްރާހިމް ރޭ އޮތް މުޒާހަރާގައި ބައިވެރިވެވަޑައިގެން އެތަނުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްލައިގެން ނޫނީ ގައުމުގެ މަސްލަހަތު ހަމައަކަށް ނޭޅޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ ނަގަހައްޓައި ދަމަހައްޓަން ފުލުހުންނާއި ސިފައިންނަށްވެސް ޖެހޭނެ ކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގެ މުސްތަގްބަލަށްޓަކައިވެސް ޝަރުއީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލައިން ނުކުންނަން ޖެހޭނެ ކަމަށެވެ.
ސަރުކާރުން އަބްދުﷲ ގާޒީ ބަންދު ކުރެއްވި ކުރެއްވުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ގާސިމް ވިދާޅުވީ އެމައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގައި މިއަދުވެސް ވަރަށްގިނައިރު މަޝްވަރާ ކުރެއްވި ކަމަށެވެ. މިއީ މިމައްސަލައިގައި ގާސިމް އިބްރާހިމް ގިނަބަޔެއްގެ ކުރިމަތީގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.











