ސަރުކާރުގެ ފަސް ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހި ކަމުގެ ވައުދުގެ ތެރެއިން މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި ހުޅުވާލި ފުރުޞަތުގައި ސީ ކެޓަގަރީން ފޯމުލީ (މާލޭގައި ގިނަދުވަހު ދިރިއުޅޭ މާލެ ނޫން މީހުން) މީހުންނަށްވެސް 2013 ވަނަ އަހަރުގެ ކުރިން ފްލެޓްތައް ދީ އެމީހުން އެތަންތަނަށް ވައްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެށިފަހި މާލެ
ޕްރޮގްރާމްގެ ޑައިރެކްޓަރ އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގައި ސީ ފޯމު ލީ މީހުންނަށް އޮތް އުންމީދަކީ ކޮބައިތޯ ދިމިނިވަންއިން ސުވާލު ދެންނެވުމުން އާދަމް މަނިކު ވިދާޅުވީ ސީ ފޯމު ލެއްވި ފަރާތް ތަކަށް އޮތީ ހަމައެކަނި އުންމީދެއް ނޫން ކަމަށާއި އެފަރާތް ތަކަށް އޮތީ ޔަގީންކަން ކަމަށެވެ.
ވެށިފަހި މާލެ ޕްރޮގްރާމުގައި ހިމެނޭ ކެޓަގަރީ ތަކުގެ ތެރެއިން އޭ ކެޓަގަރީ އާއި ބީ ކެޓަގަރީގެ މީހުންގެ އިންޓަވިއު ނިމި އޭގެތެރެއިން ބަޔެއް ފަރާތްތަކަށް މިހާރު ވަނީ ގޯއްޗާއި ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސީ ކެޓަގަރީގެ މީހުންގެ އިންޓަވިއުވެސް މިހާރު ދަނީ ކުރިޔަށެވެ.











