ކުރިޔަށް އޮތް އެއްމަސް ތެރޭގައި މިހާރުގެ ސަރުކާރު ނިމިގެންދާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ އެމްއެމްއޭ ކައިރީގައި އޮތް މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ މިސަރުކާރަކީ ހަގީގަތުގައިވެސް ލާދީނީ ސަރުކާރެއް ކަމަށާއި މިސަރުކާރު ބަދަލުކޮށްފައި
ނޫނީ ހިންދެމި ނުލައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ބަދަލު ކުރުމަށް އޭނާ ނުކުންނެވީ އޭނާ ވެރިކަމަށް އަންނަން ނޫން ކަމަށެވެ.
"އަޅުގަނޑު އެކަހަލަ އެއްވެސް އެއްވެސް ވުމެއް ވެފައެއް ނޯންނާނެ. އަޅުގަނޑު ބުނެފައިވާނީ ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް ހެވޭ. ރާއްޖޭގައި އަދުލްވެރި އިންސާފުވެރި ވެރިޔަކަށް އެމީހަކު ވާންޖެހޭނެއޭ. ރާއްޖޭގައި އިންސާފުވެރި ވެރިކަމެއް ގާއިމް ކޮށްފައި ނޫނީ ހުއްޓައެއް ނުލާނަން" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އޭނާ މިފަހަރު މުޒާހަރާއަށް ނުކުންނެވީ އަނބިދަރިންނަށް ވަސިއްޔަތްވެސް ކޮށްފައި ކަމަށާއި މިކަމުގެ ތެރޭގައި އޭނާގެ ފުރާނަ ގޮސްފިނަމަ އޭނާ ވެގެންދާނީ ޝަހީދަކަށް ކަމަށެވެ. އަދި މިހާރު ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާ ތަކަކީ އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާއަށް ވޯމްއަޕް ކުރުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.











