މާދަމާ ހުކުރު ނަމާދަށް ފަހު އާދަޔާ ޚިލާފު ބޮޑު މުޒާހަރާއެއް ޖުމްހޫރީ މައިދާނު ސަރަހައްދުގައި ޖައްސާނެ ކަމަށާއި މިމުޒާހަރާއިން ބޮޑު މުޒާހަރާއެއް ކުރެވެނީ އެމްޑީޕީއަށްތޯ ނުވަތަ އިދިކޮޅު ފަރާތްތަކަށްތޯ ދައްކާލާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
މާލޭގައި މިރޭ ކުރިޔަށްދާ މުޒާހަރާގައި ޕީޕީއެމްގެ އިސްބޭފުޅެއް ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހެލޫފް ވިދާޅުވީ ޖުމްހޫރީ މައިދާނުގައި މާދަމާ ބާއްވާ މުޒާހަރާއަކީ ފިސާރި މުޒާހަރާއަކަށް ވެގެންދާނެ ކަމަށެވެ. މިރޭގެ މުޒާހަރާގައި ގޮވާލާފައި ވަނީ މާދަމާ ޖުމްހޫރީ މައިދާނަށް ވީހާވެސްގިނަ ބަޔަކު ހުކުރު ނަމާދަށް ފަހު ދިޔުމަށެވެ.
ޖުމްހޫރީ މައިދާނުގައި މީގެކުރިންވެސް އިދިކޮޅު ފަރާތްތަކުން ކުރަން މަސައްކަތްކުރި ބޮޑު މުޒާހަރާއެއް ފުލުހުން ވަނީ ކުރިޔަނުދީ ހުއްޓުވާފައެވެ. އެފަހަރުވެސް އެތަނުން އެންމެން ފޮނުވާލީ ކަރުނަގޭސް ޖަހައިގެންނެވެ.










