ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހަންމަދު ފުލުހުން ހައްޔަރުކޮށް ރޭގެ ވަގުތެއްގައި ދޫނިދޫއަށް ގެންގޮސްފިއެވެ. ސިފައިންގެ ފޯސް އަބްދުﷲ ގާޒީގެ ގެއަށް ރޭގައި ވަދެ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާއެކު ގިނަބަޔަކު ރޭ ވަނީ ފުލުސް އޮފީސް ދޮށަށް އެއްވެ އަޑުގަދަ ކޮށްފައެވެ.
މިމައްސަލައިގައި އެއްވި މީހުން ވަނީ ފުލުސް އޮފީސް ދޮށުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހު ދިރިއުޅުއްވާ ގޭދޮށަށްވެސް އެއްވެ އަޑުގަދަ ކޮށްފައެވެ. އަދި ހޯމް މިނިސްޓަރ ހަސަން އަފީފުގެ ގޭދޮދަށްވެސް ބަޔެއް މީހުން ވަނީ ގޮސް އަޑުގަދަ ކޮށްފައެވެ.
ފުލުސް އޮފީސް ދޮށަށް އެއްވި އެއްވި މީހުންނާއި ފުލުހުންނާ ދެމެދުވެސް ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ނަމަވެސް މާބޮޑު އަނިޔާ ތަކެއް ވެފައިވާ ކަމެއް ނޭނގެއެވެ. ބަޔެއް ފަރާތްތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އުޅުއްވާ މުލީއާގޭ ދޮށަށްވެސް އެއްވެފައެވެ.











