ސަރުކާރު މިހާރު އޮތީ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއްގައި ކަމަށް އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހއ. ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އިނާޒް ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުންގެ ރުހުން އެބަ އޮތް
ކަމަށާއި، އިންތިޚާބަކަށްފަހު އިންތިޚާބަކުން ސަރުކާރަށް ތާއީދު އޮންނަ މިންވަރު އިތުރުވަމުންދާކަން ހާމަވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރާއި އެމްޑީޕީއަށް 55 ޕަސެންޓަށް ވުރެ މަތީ އަޣުލަބިއްޔަތެއްގެ ރުހުން މިހާރު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާރު އަޅުގަނޑުމެން މިތިބީ ތަނަވަސް އަޣުލަބިއްޔަތަކާއެކުގައި، 55 ޕަސެންޓަށްވުރެ މަތީ އަޣުލަބިއްޔަތެއްގެ ރުހުން އަޅުގަނޑުމެންގެ ޕާޓީއަށާއި ސަރުކާރަށާއި އަޅުގަނޑުމެންގެ ސިޔާސަތުތަކަށް ލިބިގެން.” ރައީސް ވިދާޅުވިއެވެ.
ދެ ޓީވީ ޗެނަލާއި ދެ ތިން ނޫސް މެދުނުކެނޑި ސަރުކާރަށް ފާޑު ކިޔަމުން ގެންދާ ކަމަށާއި، ބައެއް ފަހަރު އެ ފާޑުތައް އެއީ ކަނޑައެޅިގެން ހަމަތަކުން ނެއްޓިފައިވާ ފާޑުތަކަށް ވެސް ވެގެންދާ ކަމަށާއި، ރާއްޖޭގެ ރައްޔިތުން ދެކޭ ގޮތަކީ ޚަބަރު ސުރުޚީ ލިޔާ ފަރާތްތައް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.











