ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ މެދުގައި މިހާރު ވަނީ "އިތުބާރު" ގެ ބަހުސެއް ފަށާފައެވެ. މިފަދަ ބަހުސަކަށް ދާން ޖެހުނީ ދާދި ފަހުން މައުމޫން ޖަލްސާއަކު ވިދާޅުވި ވާހަކަފުޅަކުންނެވެ.
މައުމޫން ވިދާޅުވީ މިހާރު ވޯޓުގެ ނަތީޖާ ނުކުންނަނީ ރައްޔިތުން ވޯޓުލާ ގޮތަށް ނޫން ކަމަށެވެ. ލާވޯޓާއި ނުކުންނަ ނަތީޖާ މިހާރު ދިމާ ނުވާ ކަމަށެވެ. މައުމޫނުގެ މިވާހަކަތަކުގެ ސަބަބުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ މައުމޫންގެ ވާހަކަފުޅުން ކޮމިޝަނުގެ އިތުބާރު ކުޑަވެގެންދާނެ ކަމަށެވެ. އަދި އެފަދަ ވާހަކަފުޅުތައް ނުދެއްކެވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މައުމޫން ކޮމިޝަނަށް ޙާޒިރުކޮށް ސުވާލު ކުރަންވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ފުއާދުގެ މިވާހަކަތަކާއި ގުޅިގެން މައުމޫންވެސް ވަނީ ރައްދުގައި ޖަވާބު ދެއްވާފައެވެ. ނޫސްބަޔާނަކުން ދެއްވި ޖަވާބުގައި މައުމޫން ވިދާޅުވެފައި ވަނީ ފުއާދުގެ ވާހަކަ ފުޅުތަކުގެ ސަބަބުން މައުމޫނުގެ އިތުބާރު ކުޑަވެގެންދާ ކަމަށެވެ. ދެބޭފުޅުންވެސް އިތުބާރު ކުޑަވުމުގެ ޒިންމާ އަނެއްބޭފުޅެއްގެ ބޮލުގައި އެޅުއްވީއެވެ.











