ާހީ ގިލް އާއި ރަންދީޕް ހޫޑާގެ އިތުރުން ޖިމީ ޝެރްގިލް ކުޅުނު ކާމިޔާބް ފިލްމް “ސާހިބް ބީވީ އޯރް ގޭންގްސްޓާ” ގެ ސީކްއެލް ކުޅެން އެއްބަސްވުމަށް ފަހު، ފިލްމުގެ ފައިނަލް ސްކްރިޕްޓް ކިޔާލި އިރު، އޭގައި އޭނާ އަދާ ކުރަން ޖެހޭ ރޯލް “ސާތު ހޫ މާފް” ގައި އަދާ ކުރި ރޯލާ އެއްގޮތް ވުމުން އެ ފިލްމު ނުކުޅެން ނީލް ނިތިން މުކޭޝް ނިންމައިފި އެވެ.
ނީލް ބުނީ “ސާތު ހޫ މާފް” ގައި ޕްރިޔަންކާ އެކު އޭނާ ކުޅުނު ރޯލާއި “ސާހިބް ބީވީ އޯރް ގޭންގްސްޓާ” ގައި ކުޅެން ޖެހުނު ރޯލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
“ހަމަ ދާދި އެއް ކަހަލަ ރޯލެއް އޭގައި ކުޅެން ޖެހުނީ. އެހެންވެ އަހެރެން ބޭނުންވީ އެކަން ރިޕީޓް ނުކުރަން. އަނެއްކާ ސާހިބްގައި ކުޅެން ޖެހޭ ރޯލަކީ އަހަރެންގެ އުމުރާ ވެސް ނުގުޅޭ ކަހަލަ ދުވަސްވީ މީހެއްގެ ރޯލް،” ނީލް ބުންޏެވެ. “ކެރިއަރުގެ މި ހިސާބުގައި އެކަހަލަ ރޯލެއް ކުޅޭކަށް ވެސް ބޭނުމެއް ނޫން. އެހެންވެ އެ ފިލްމް ދޫކޮށްލީ.”
ރިޕޯޓްތައް ބުނާގޮތުގައި ނީލް ދޫކޮށްލި ރޯލަށް މިހާރު ވަނީ އިރްފާން ހާން ހަމަޖައްސައިފަ އެވެ. އިރްފާން ވެސް ވަނީ “ސާތު ހޫ މާފް” ގައި ޕްރިންޔަކާގެ ހަތް ފިރިންގެ ތެރެއިން އެކެއްގެ ރޯލް އަދާކޮށްފަ އެވެ.
ފިލްމާ ދޭތެރޭ ހިތްހަމަނުޖެހިގެން، ނީލް ފިލްމް ދޫކޮށްލި އިރު ސީކްއެލްގެ ސްކްރިޕްޓްގައި ފުށު އެރުންތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން ފުރަތަމަ ބައިގައި ހޫޑާ މަރުވެފައިވާ އިރު، އޭނާގެ ކެރެކްޓާ ވެސް ސީކްއެލްގައި ވަނީ ހިމަނައިފަ އެވެ. އެކަމާ ހޫޑާ ވެސް ހުރީ ހައިރާންވެފަ އެވެ.
“ސާހިބް ބީވީ އޯރް ގޭންގްސްޓާ” ގެ ސީކްއެލް އެއް، ޑައިރެކްޓަރު ޓިގްމާންޝޫ ދޫލިއާ ތައްޔާރު ކުރަން މަސައްކަތް ކުރަމުން އަންނަ އިރު، އެ ފިލްމް ޕްރޮޑިއުސް ކުރި ސުނިލް ބޮހްރާ ވެސް ވަނީ ސީކްއެލް އިން އަތް ދަމައިގެންފަ އެވެ. އެނގިފައިވާ ގޮތުގައި ސުނިލް އާ ދޫލިއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާތީ އޭނާ އާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރި ކަމެއް މިހާރު ސުނިލްގެ ނެތެވެ.








