ކަރަން ޖޯހަރުގެ ބައްޕަގެ ދަރްމާ ޕްރޮޑަކްޝަނުން މީގެ 22 އަހަރު ކުރިން ބެލުންތެރިންނަށް ގެނެސް ދިން “އަގްނީޕަތު” އަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބް ފިލްމެއް ނޫނެވެ. ފިލްމަށް ފާޑު ކިޔާ ފަރާތްތަކުން އެ ފިލްމަކީ މޮޅު ފިލްމެއް ކަމަށް ފާހަގަ ކުރި އެވެ.
ވިޔަފާރީގެ ގޮތުން “އަގްނީޕަތު” އަކީ ކާމިޔާބް ފިލްމަކަށް ނުވި ނަމަވެސް އެ ފިލްމުގައި ވިޖޭ ދީނާނާތު ޗޯހަންގެ ރޯލް އަދާކޮށްގެން އަމީތާބް ބައްޗަން ވަނީ ގައުމީ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
އަމީތާބް ގެ “އަގްނީޕަތު” އަށް ފަހު، މިހާރު ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައި ވަނީ، ކުރީގެ “އަގްނީޕަތު” ޕްރޮޑިއުސް ކުރި، ޔާޝް ޖޯހަރުގެ ދަރިފުޅު ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ރިތިކް ރޯޝަން ވިޖޭ ދީނާނާތުގެ ރޯލް އަދާކޮށްފައިވާ “އަގްނީޕަތު” އެވެ.
ރިތިކް ޕްރިޔަންކާ އަދި ސަންޖޭ ދަތާއި ރިޝީ ކަޕޫރު މުހިއްމު ރޯލްތައް އަދާ ކުރި އެ ފިލްމު މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރުމާ އެކު ބޮޑު ކާމިޔާބީއެއް އަންނަނީ ހޯދަމުންނެވެ. އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުން ވެސް ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެކަމާ ޕްރޮޑިއުސަރު ކަރަން ހުރީ ވަރަށް އުފާވެފަ އެވެ.
ފިލްމަށް ލިބެމުންދާ ކާމިޔާބީ ފާހަގަ ކުރުމަށް ވަނީ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި ފިލްމުގެ ތަރިންނާއި ކްރީން ބައިވެރިވެފައިވެ އެވެ.
“އަގްނީޕަތު” އަލުން ބެލުންތެރިންނާ ހަމައަށް އައިސްފައި ވަނި ބައެއް ބަދަލުތަކާ އެކުގަ އެވެ. ދެ ފިލްމުގެ ޕްލޮޓަކީ އެއް ޕްލޮޓެއް ނަމަވެސް، އާ ފިލްމަށް ޑައިރެކްޓަރު ކަރަން މަލްއުތުރާ ވަނީ ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކެއް ގެނެސް، މި ޒަމާނާ ގުޅޭ ގޮތަށް ފިލްމް ހުށަހަޅައިދީފަ އެވެ. އެކަން ފިލްމަށް ފާޑު ކިޔާ ފަރާތްތަކުން ވެސް ވަނީ ތައުރީފރްކޮށްފަ އެވެ.
މަޝްހޫރު ފިލްމް ކްރިޓިކްސް ކޯމަލް ނަހަތާ ބުނީ ދެ ކަރަންގެ “އަގްނީޕަތު”އަކީ ކޮންމެހެން ވެސް ބަލާލަން ޖެހޭ ވަރުގެ ފިލްމެއް ކަމަށެވެ. އަދި އެއް ފަހަރަށް ވުރެ ގިނަ ފަހަރު މި ފިލްމު ބެލުމަށް ބެލުންތެރިން ޝައުގުވެރިވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ކޯމަލް ބުންޏެވެ.
އޭނާ ބުނީ އާ ޑައިރެކްޓަރަކާ ބަލާފައި ކަރަންކޮށްފައި ހުރި މަސައްކަތަށް ސާބަސް ދޭން ޖެހޭ ކަމަށެވެ. އަދި އެ ފިލްމުގައި ރިތިކް އާއި ސަންޖޭގެ އިތުރުން ރިޝީ ކަޕޫރުގެ ކެރެކްޓާތައް ވަރަށް ރަނގަޅަށް ވަރަށް ފުރިހަމައަށް ގެނެސްދޭން މަސައްކަތްކޮށްފައި ހުރިކަން ކޯމަލް ފާހަގަ ކުރި އެވެ.
އެގޮތުން މުޅި ފިލްމަށް ބެލި ނަމަވެސް، އެންމެންގެ އެކްޓިން އާއި ފިލްމުގެ ބެކް ގްރައުންޑް ސްކޯ އާއި ލަވަތަކާއި ކެމެރާ މަސައްކަތް “އަގްނީޕަތު” ގައި ވަރަށް ފުރިހަމަ ކަމަށް ކޯމަލް ބުންޏެވެ. އެހެންވެ “އަގްނީޕަތު” ސްޕަ ހިޓަކަށް ވާނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް އޭނާ ބުންޏެވެ.
މިހާރު އެންމެ ގަދައަށް އިވެމުން އަންނަ “ޗިކްނީ ޗަމޭލީ” ލަވައަކީ ވެސް “އަގްނީޕަތު” ގައި ކެޓްރީނާ ކެއިފް ހާއްސަ ފެނިލުމެއްގެ ގޮތުގައި ހުށަހަޅާ ދީފައިވާ ލަވައެކެވެ.
ކޯމަލް އިތުރަށް ބުނީ ކަރަން މަލްއުތުރާއަކީ ކަރަން ޖޯހަރު ބޮލީވުޑަށް ތައާރަފްކޮށް ދިން އިތުރު އެސެޓެއް ކަމަށެވެ. އަދި އޭނާ ވަރަށް ކާމިޔާބް ޑައިރެކްޓަރަކަށް ވާނެކަމުގެ އުންމީދު ބޮޑު ކަމަށް ކޯމަލް ބުންޏެވެ.
ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ އޭނާގެ ކެރިއަރުގައި ގެނެސް ދިން ފުރަތަމަ އެކްޝަން ފިލްމުގެ ކާމިޔާބީގެ ރަހަ އަރުތެރޭގައި ވަރަށް ބޮޑަށް ލައިފައިވާ ކަމަށެވެ.
“މިއީ މިކަހަލަ ފިލްމެއް އަހަރެން ގެނެސް ދިން ފުރަތަމަ ފަހަރު. ވަރަށް އުފަލުން މިހިރީ. އަހަންނަކަށް ނޭނގޭ ދެން ކުރިއަށް އޮތީ ކޮން ކަމެއް ކަމަށް. އެކަމަކު އަގްނީޕަތު ބެލުންތެރިން ވަނީ ބަލައިގެންފައި. އެކަން އެހެންވީ ފިލްމުގެ ޑައިރެކްޓްރަކާއި ތަރިންނާއި މުޅި ކުރީ ކުރި ބުރަ މަސައްކަތުގެ ސަބަބުން،” ލޯބީގެ ފިލްމުތައް ހެދުމަށް މަޝްހޫރު ކަރަން ބުންޏެވެ.
ދަރްމާ އިން ދެން އެންމެ އަވަހަށް ރިލީޒް ވާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަރީނާ އާއި އިމްރާން ހާން ލީޑް ރޯލް ކުޅެފައިވާ “އެކް މޭ އޯރް އެކް ތޫ” އެވެ.








