ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ނޫސްވެރިން ނުވަތަ އެފަދަ ރޫހެއްގައި، އަޒުމެއްގައި ނުކުމެ މަސައްކަތް ކުރާ ނޫސްވެރިން ރާއްޖޭގައި އަދިވެސް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާކަން ފާހަގަ ކުރެވޭތީ، ވަރަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ނޫސްވެރިއެއްގެ ހައިސިއްޔަތުން މިތާނގައި ދެތިން އެއްޗެއް ދަންނަވާލިޔަ ދެއްވާށެވެ. އަޅުގަނޑު ކުރިން މިދެންނެވި ފަދަ ނޫސްވެރިންގެ ބަޔަކު 2008ގެ ރިޔާސީ އިންތިޚާބާ ޖެހެންދެން އުޅުނުކަން ނުވަތަ ހަރަކާތްތެރި ވަމުން ދިޔަކަން އަޅުގަނޑުވެސް ގަބޫލު ކުރަމެވެ. އަދި އެކަމަށް ހެކިދޭ ބައެއް ކަހަލަ މަންޒަރުތައް ސިފަވާފަދަ ވާހަކަތަކެއް މިތާނގައި ތިބޭފުޅުންގެ އިޒުނައާއެކު ލިޔެލާނަމެވެ.
ރާއްޖޭގައި މިހާރު އޮތް ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ދައުރު ފެށެންދެން އޭރު އޮތް ތިރީސް އަހަރުގެ "ޚުދުމުޚުތާރު" ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ގެންދިޔަ މީހުންނާއެކު "ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން ގެންދިޔަ" ނޫސްވެރިން ތަކެއްވެސް ފެނިގެން ދިޔައެވެ. އޭރު އިދިކޮޅު ފަރާތްތަކުން އަޑުއުފުލުމުގައި އެންމެ ބޮޑަށް ބޭނުންކުރި މީޑިޔާގެ ޒަމާނީ ވަސީލަތްތަކުގެ ފަހަތާއި ކުރީގައި ތިބެގެން މިދެންނެވި ނޫސްވެރިން މަސައްކަތް ކުރަމުން ގެންދިޔައެވެ. އޭރުވެސް އަޅުގަނޑުމެން ދަންނަ ތެދުބަހުން، ހަގީގަތް ހާމަކުރާ، އިސްލާހަށް ލޯބިކުރާ، ހަގީގަތް ގަބޫލުކުރާ، ނޫސްވެރިކަމުގެ އިމުގެ ތެރޭގައި ނޫސްވެރިކަންކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ހެޔޮނިޔަތުގައި މަސައްކަތް ކުރަމުން ގެންދިޔަ ނޫސްވެރިން ތަކެއްވެސް ފެނިގެން ދިޔައެވެ. ކުރިން ދެންނެވި އެއްކަލަ ސަރުކާރުން ވައްޓާލަން މަސައްކަތްކުރި ނޫސްވެރިން ވަރަށް ރަނގަޅަށް އޭރުވެސް ފާހަގަ ކުރެވުނެވެ.
އެމީހުންގެ އެއްފައި އިދިކޮޅު ޕާޓީގެ ތެރޭގައެވެ. ނުވަތަ އިދިކޮޅު ހަރަކާތްތެރިންގެ ތެރޭގައެވެ. އަނެއްފައި ނޫސްވެރިންގެ ތެރޭގައެވެ. އެމީހުންގެ ގަލަންތައް ނޫސްވެރި ކަމުގައި މަސައްކަތްކުރި ނަމަވެސް އެމީހުންގެ ގަލަމުގެ ދެލި ހިނގަމުން ދިޔައީ އެހެން ރޫހެއްގައެވެ. އެމީހުން އުޅެނީވެސް ދެ ތޮފި އަޅައިގެންނެވެ. ނޫސްކޮންފަރެންސް ތަކުން ފެންނާނީ ނޫސްވެރިކަމުގެ ތޮފީގައެވެ. އިދިކޮޅު ހަރަކާތްތެރިންގެ މުޒާހަރާ ތަކުން އެމީހުން ފެންނަމުން ދިޔައީ އެކްޓިވިސްޓުންގެ ތޮފީގައެވެ. ނޫސްވެރިން ބައިވެރިވާ އެކިއެކި ބައްދަލުވުން ތަކުގައި ގޮނޑިބަރީގައި ނޫސްވެރިންގެ ގޮތުގައި ތިއްބަސް ވަކި ހިސާބަކުން، ވަގުތު ޖެހުމުން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ދިނުމަށް ލިޔެފައިވާ ބޯޑުތައް އުފުއްލާލައެވެ. އެމީހުންނަކީ ހަގީގީ ނޫސްވެރިން ނޫންކަން އޭރުވެސް އަޅުގަނޑުމެންނަށް އެނގެއެވެ. އެފަދަ މީހުންގެ މަގުސަދަކީ ކޮބައި ކަމާއި އެމީހުން އެއީ ކޮން ޔުނިފޯމެއްގައި ނުކުމެ ތިބި ބައެއްކަން އޭރުވެސް އަޅުގަނޑުމެން ދެނެހުރީމެވެ.
މިކަމުގެ ބައެއް ދިރިހުރި މިސާލުވެސް ދަންނަވާލިޔަ ދެއްވާށެވެ. އޭރު މިނިވަން ނޫހާއި މިނިވަން ނިއުސް ވެބްސައިޓާއި ދިވެހި އޮބްޒާވަރާއި މިނިވަން ރޭޑިއޯއާއި އެނޫންވެސް ބައެއް ނޫސްމަޖައްލާ ތަކާއި މީޑިޔާގެ ތެރޭގައި ހަރަކާތްތެރިވި މިދެންނެވި ފަދަ ނޫސްވެރިން މިހާރު ކޮބައިތޯއެވެ؟ އެމީހުން އަދިވެސް ސަރުކާރު އިސްލާހުވާން، ކަންކަން އިސްލާހު ކުރާން، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދަން އެބަ މަސައްކަތް ކުރޭތޯއެވެ؟ އެމީހުން މިހާރު މިފަދަ އެއްވެސް ކަމަކަށް އަޑުއުފުލާތަން ފެނޭތޯއެވެ؟ އެދުވަހު ފެނުނު "އެ ނޫސްވެރިން" ކޮބައި ތޯއެވެ؟ މިއީ އަޅުގަނޑު ނޫނަސް ތިޔަ ބޭފުޅުންވެސް އަމިއްލަ ނަފުސާ ކޮށްލައްވަން ހަމަ ރަނގަޅު ސުވާލެކެވެ.
މިސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ވަރަށް ރަނގަޅަށް ފެންނާން އެބައޮތެވެ. އެދުވަހު ދެތޮފި އަޅައިގެން ނުކުތް ނޫސްވެރިން މިހާރު އެތިބީ މިހާރުގެ ސަރުކާރުގެ ތެރޭގައެވެ. ސަރުކާރުގެ ބޮޑެތި މަގާމު ތަކުގައެވެ. އެމީހުން ނޫސްވެރިކަމުގެ ތޮފި އަޅައިގެން ނުކުތް މަގުސަދާއި ލަނޑުދަނޑި އެމީހުންނަށް މިއަދު އެވަނީ ހާސިލު ކުރެވިފައެވެ. އެމީހުން ސަރުކާރު ވައްޓާލާ ނޫސްވެރިންގެ ގޮތުގައި ނުކުތީ މިއަދު އެމީހުން އެތިބި މަގާމަށްޓަކައެވެ. އެމަގާމަށް ވާސިލު ވެވުމުން އެމީހުންގެ ނޫސްވެރިކަމުގެ ތޮފީގެ ބޭނުން ކެނޑުނީއެވެ. އަނެއްކާވެސް އެފަދަ ދުވަހެއް އައިސްފި ނަމަ އަލުން އެތޮފީގައި ނުކުންނާނެކަންނޭގެއެވެ.
ނަމަވެސް މިއަދު އެފަދަ ނޫސްވެރިން އެބަ އުޅޭތޯއެވެ؟ މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކަށް އެހެން ހީފުޅުވެ ވަޑައިގެންނެވިއަސް އަދި ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ނޫސްވެރިންނެއް މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހަކުން ނުނުކުމެއެވެ. އެފަދަ ބަޔަކު ހަރަކާތްތެރިވަމުން ދާތަނެއް އަދި ނުފެނެއެވެ. މިހާރު ސަރުކާރަށް ފާޑުކިޔައި، ސަރުކާރުގެ ކަންކަން އިސްލާހު ކުރުމަށް އަޑު އުފުލައި، ގަލަން އުފުލަމުން އެދާ ނޫސްވެރިންނަކީ ހަގީގަތުގައިވެސް ރައީސް ނަޝީދުގެ ސަރުކާރު ހަމަމަގަށް އަޅުވަން މަސަތްކަތްކުރާ ނޫސްވެރިންނެވެ. ނިމިދިޔަ ސަރުކާރުން އެޅިފަދަ "ޅައެއްޗެއް" މިހާރުގެ ސަރުކާރުން އެޅިޔަނުދިނުމަށް މަސައްކަތް ކުރަމުން ގެންދާ ގައުމަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތްކުރަމުން ގެންދާ ހަގީގީ ނޫސްވެރިންނަކީ އެއީއެވެ. އެހެން ނޫންނަމަ ރައީސް ނަޝީދު ވެރިކަން ކުރައްވާފައި ފައިބާ ވަޑައިގަންނަވާއިރުވެސް ފެންނާނީ ހަމަ ތިރީސް އަހަރުގެ ސަރުކާރު ނިމެމުން ދިޔައިރުވެސް ފެނުނު މަންޒަރުތަކާއި އަޑު ތަކެވެ. މިއީ ހަގީގަތެވެ. މިހަގީގަތް ގަބޫލުނުކުރެވޭ މަދުބަޔަކު އަދުގެ ސަރުކާރުގެ ތެރޭގައިވެސް އެބަ އުޅެއެވެ.








