އެމްޑީޕީން ވެރިކަން ކުރަން އައީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ދައްކާނެ ކަމަށް ރައްޔިތުންނަށް ވަޢުދުވެގެންނެވެ. ހުރިހާ އެއްވުންތަކާއި ހުރިހާ ޖަލްސާތަކެއްގައިވެސް ރައީސް ނަޝީދާއި ޕާޓީގެ އެންމެ އިސް މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެބޭފުޅުންނަކީ ޑިމޮކްރެސީ ދެނެވަޑައިގަންނަވާ ޑިމޮކްރެސީއާ އެއްގޮތަށް ކަންކަން ކުރަން އެނގޭ ލާމަސީލު މިސާލެއް ނެތް ފަދަ ބައެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ބަސް ހަޖަމު ކުރަން ދަންނަ، ނޫސްވެރިކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ މިނުގައި ދީގެން އެހެން މީހުންގެ ޚިޔާލާއި މަޝްވްރާއަށް ޖާގަ ދީގެން ވެރިކަން ހިންގާނެ ބައެއް ކަމަށެވެ.
ނަމަވެސް މިއަދު އެމްޑީޕީގެ ބައެއް މެންބަރުންގެ ފަރާތުން ފެންނަމުންދަނީ އޭރު އެބޭފުޅުން ވިދާޅުވަމުން ގެންދެވި އެ ބަސްފުޅާ ދިމާ އިދިކޮޅު އަޑުތަކާއި މަންޒަރު ތަކެކެވެ. ފެންނަމުން ދަނީ އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލާތައް ހަޖަމު ނުކުރެވޭ ތަނެވެ. ޚިޔާލު ފާޅު ކުރުމަކަށް ޖާގަ ދޭކަށް
ބޭނުމެއް ނުވެއެވެ. ނޫސްވެރިންނާ ދިމާކުރުމާއި ނޫސްވެރިންނަށް ފުރައްސާރަކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ތަނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކަކީ މިކަމުގެ ލާމަސީލު މިސާލެކެވެ. އޭނާ މިފަހަކަށް އައިސް ވާހަކަ ދައްކަވާ ކޮންމެ މަގާމެއްގައި ނޫސްވެރިންނަށް ހަޖޫ ކިޔައި މަލާމާތްކޮށް ނޫސްވެރިންނަށް ހުރަސް އެޅުމަށް މަސައްކަތް ކުރާކަން މިއީ ފެންނަން ހުރި މިސާލެކެވެ. ސަރުކާރަށް ފާޑުކިޔައި ސަރުކާރަށް ސަނާ ނުކިޔާ ކޮންމެ ނޫސްވެރިއަކީ، ކޮންމެ މީޑިޔާއަކީ އޭނާގެ ދުޝްމަނެކެވެ. އޭނާގެ ޝިކާރައެކެވެ. މޫސަގެ ވާހަކައިން ދޭހަވަނީ އެފަދަ އެއްވެސް މީޑިޔާއަކަށް ނުވަތަ ނޫސްވެރިއަކަށް އެމްޑީޕީގެ ސަރުކާރު އޮތްހާ ހިނދަކު ޖާގައެއް ނުދޭނެ ކަމެވެ.
ނޫސްވެރިން ލިޔަންވީވެސް މޫސަ ބުނާ ގޮތަށެވެ. މޫސަގެ ޚިޔާލާ އެއްގޮތަށެވެ. އެމްޑީޕީއާއި އެމްޑީޕީގެ ސަރުކާރަށް ރިވެތި ބަސްތައް ރައްދުވާ ގޮތަށެވެ. އެނޫން ނޫސްވެރިން މޫސައަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. އޭނާ ބޭނުންވަނީ އެފަދަ ހުރިހާ ނޫސްވެރިންގެ އަނގައިގާ މަލަން އަޅައި އެމީހުންގެ ގަލަންތައް އަތުލައި އެމީހުން ދަންޖައްސާށެވެ. އޭނާ ނުރުހޭ ހުރިހާ މީޑިޔާތައް ފުނޑުފުނޑު ކޮށްލައި ތަޅުއަޅުވައި ބަންދު ކުރާށެވެ. ގުންޑާއިން ފޮނުވައިގެން އެމީހުންނަށް ބިރުދައްކައި އަނިޔާކޮށް މައިތިރިކުރާށެވެ.
މިމަހުގެ ފަނަރަ ވަނަ ދުވަހު ނޫސްވެރިންނަށް ދިން ހަމަލާއާއި މޫސަގެ ވާހަކަ ތަކާއި ވަރަށް ބޮޑަށް ދިމާވެއެވެ. މޫސަ މިހާރު ދައްކާ ވާހަކައާއި ކުރިން ދައްކާ ވާހަކައާއި އެދުވަހުގެ ހާދިސާ ތަކާއި ވަރަށް ބޮޑަށް ދިމާވާ ކަމުގެ ހެކި މިއަދު އެދަނީ ފެންނަމުންނެވެ.
މޫސަ ފަދަ ބޭފުޅުންނަށް މިހާރު މީޑިޔާއަށް ބޭނުން ގޮތެއް ހަދާ ނުލެވި އޮތީ އެންމެ ފަރާތެއް އެކަންކަމަށް ފާރަވެރިވާން އޮތީމައެވެ. އެފަރާތަކީ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނެވެ. މިހާރު މޫސާ މަނިކުގެ އެންމެ ބޮޑު އަމާޒަކީ ނުވަތަ މަގުސަދަކީ އެ އެސޯސިއޭޝަން މަރާލުމެވެ. އެއެސޯސިއޭޝަންގެ ހީވާގި ހިންގުންތެރިންގެ އަތްފައި ބަނދެލުމެވެ. އެމީހުންގެ ދޫ ބަންދުކޮށް ކަސްތޮޅު އެޅުވުމެވެ.
އެކަމަކު ހަމަ ހިލާ އެކަމެއް ނުވާނެއެވެ. މޫސަ ފަދަ ތާކުންތާކު ނުޖެހޭ މީހުން ދައްކާ އެފަދަ އެއްވެސް ވާހަކައަކަށް އެ ޖަމިއްޔާގެ ހިންގުންތެރިން ގުޑައެއް ނުލާނެއެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް ފައިސާއަކުން ވެސް ނުގަނެވޭނެއެވެ. ގުންޑާއިން ލައްވާ ބިރު ދެއްކިޔަސް ފަހަކަށް ނުޖެހޭނެއެވެ. އެމީހުންގެ އަޒުމާ ހިތްވަރު އެއަށްވުރެ މާ ގަދައެވެ. މިހާރު އެޖަމިއްޔާ ހިންގަން ތިބީ ދިވެހި ނޫސްވެރިންގެ ހައްގުގައި ފުރާނައިން ގުރުބާންވާން ކެރިގެން ތިބި ބައެކެވެ. އެކަން ދާދިފަހުން ވެސް އެޖަމިއްޔާގެ މެންބަރުން ވަނީ ހާމަކޮށްދީފައެވެ. ސްރީ ލަންކާއަށް ގޮސް އެގައުމުގައި ތިބި ބޭރުގެ އެތައް ގައުމެއްގެ ސަފީރުންނަށް މޫސަ ފަދަ މީހުންގެ ރޭވުންތައް އެޖަމިއްޔާއިން ވަނީ ހެއްކާ ގަރީނާއާއެކު ކިޔައިދީ ހާމަކޮށްދީފައެވެ.
ރީކޮ މޫސައަކީ ކިހާ ފެންވަރެއްގެ ކާކުކަން އެޖަމިއްޔާގެ މެންބަރުންނަށް އެނގެއެވެ. ފިލްމު ކުޅެން، ހަށިވިއްކަންގޮސް މަރިޔަމް ނިޝާ މެންނާއެކު މޫސަގެ ކާރުން ފެނުނު ކަހަލަ ޖޫސްކޮޅު ބޯލައިގެން އުޅުނުކަން ނޭގޭ އެކަކުވެސް މިގައުމަކު ނެތެވެ. އަދި އެއީ މޫސަ އަދިވެސްކުރާ ވިޔަފާރިއެއްކަންވެސް ދިވެހީންނަށް އެނގެއެވެ. މިސަރުކާރު އޮއްވާ އެމައްސަލަ ބަލާނެ ފަރާތެއް މިގައުމަކު ނެތްކަންވެސް އެނގެއެވެ. ތިރީސް އަހަރުގެ ވެރިކަންވެސް ވެއްޓުނީ އެވެ. މޫސަމެންގެ ވަރުވެސް ފައިބައިގެންދާނެއެވެ. އެކަމަކު މިފަދަ ނޫސްވެރިން އެގޮތުގައި ތިބޭނެކަން ދަންނަން ވާނެއެވެ. މިއީ ހަމަ ރަނގަޅު ފިލާވަޅެކެވެ.








