DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން އެޑިޓަރުގެ ބަސް އެޑިޓަރުގެ ބަސް އިދިކޮޅު ހަރުދަނާ ސިޔާސީ ޕާޓީއެއް މިހާރަކު ނެތް!!

އިދިކޮޅު ހަރުދަނާ ސިޔާސީ ޕާޓީއެއް މިހާރަކު ނެތް!!


qasim_ppއިދިކޮޅު ހަރުދަނާ ސިޠާސީ ޕާޓީއެއް މިހާރަކު މިގައުމަކު ނެތޭ ބުނުމުން ބައެއް ފަރާތްތަކުން ވިދާޅުވާނީ އަޅުގަނޑަކީ މޮޔައެއް ކަމަށެވެ. އެބުނަނީ ވަރަށް ތާކުން ތާކު ނުޖެހޭ ވާހަކައެއް ކަމަށެވެ. އެހެން އެބުނަނީ ރަނގަޅަށް އެކޮޅު މިކޮޅު ނުބަލާ ކަމަށެވެ. އެކަމަކު އަޅުގަނޑު މި ދަންނަވާ ދެތިން ބަހެއް ރަނގަޅަށް ކަނުލައި އައްސަވައިފި ނަމަ އަޅުގަނޑު މިދަންނަވާ އެއްޗެއް ގިނަ މީހުން ގަބޫލު ކުރައްވާނެކަން ކަށަވަރެވެ.

ކުރިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީ އަށް ވެރިކަން ލިބުމުން އޮޓަމެޓިކުން އިދިކޮޅު ޕާޓީގެ ލަގަބު ލިބިގެން ދިޔައީ ކުރިން ވެރިކަމުގައި އޮތް ޑީއާރްޕީއަށެވެ.

ޑީއާރްޕީ އިދިކޮޅު ޕާޓީގެ ލޭބަލް ޖެހުނު ނަމަވެސް އެޕާޓީގެ އެރޯލް އެންމެ ފުރިހަމައެކޭ ދެންނެވޭކަށް ނެތެވެ. ސަބަބު ތަކެއް ނެތިއެއް ނޫނެވެ.

އެޕާޓީގެ އިސް ސަފުގައި ތިބި ގިނަ މީހުންނަކީ ނިމިދިޔަ ތިރީސް އަހަރުގެ ވެރިކަމުގެ މަޅީގައި ޖެހި ކޮންމެވެސް ލޯ މެޑެލެއް ކޮނޑަށް އަރާފައިތިބި މީހުން ކަމުގައި ދަނަންންވަން ޖެހެއެވެ. ފަސްބައި ހަޑިވެ މީހުންގެ މެދުގައި މަގުބޫލުކަން ގެއްލިފައި ތިބި މީހުން ކަމަށް ދެންނެވިދާނެއެވެ. އެހެނީ އެމީހުންގެ ފަހަތުގައާއި ކުރީގައި ވަނީ ކޮރަޕްޝަނާއި ފަސާދައިގެ ހިޔަންޏެވެ. މިއީ މިއަދު ކަރުދާހުން ފެންނަން އޮތް ހަގީގަތެވެ. މިހެން މިކަން އޮތުމުން އިދިކޮޅު ޕާޓީގެ އިސް ސަފުގައި ތިބި ބޭފުޅުންނަށް މީޑިޔާއަށް އަރުއްވައި ބަސްވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވައެވެ. ކުރީގެ ވަޒީރުންނާ މަތީ މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުން ތިއްބަވަނީ ފިއްލަވައެވެ.

ދެންމިވާ ގޮތަކީ އިދިކޮޅު ޕާޓީގެ ފަރާތުން ފްރަންޓް ލައިނަށް ނުކުމެ ވަޑައިގެން ޓީވީ ތަކަށާއި ނޫސްތަކަށް މައުލޫމާތު ދެއްވަން މިތިއްބަވަނީ ސިޔާސީ އެއްވެސް ބުރަދަނެއް ނެތް އެމައިދާނުގައި އުމުރު ހަގު ކުދީންނެވެ. ނުވަތަ އަމިއްލަ ޕާޓީ އުވާލައްވަން މަސައްކަތް ކުރާ ފަސްބައިގާ ލޭ ހުރި އަޑުގަދަ އުމަރުމެން ކަހަލަ ބޭފުޅުންނެވެ. ދެން ޕާޓީއާއިގެން މަރުދަން ޖެހެނީ ކުރީގެ ވެރިކަމުގައި އެހީތެރިކަން ލިބި މަގާމާއި ޒަޢީމު ދެކެ ލޯބި ޖެހިފައި ތިބި ދުވަސްވީ، ސިޔާސީ މައިދާން ނުދަންނަ މީހުންނެވެ. ޚާއްޞަކޮށް އެފަންތީގެ އަންހެނުންނެވެ.

ދެން އޮތީ ހަސަން ސަޢީދުގެ އިދިކޮޅު ޕާޓީއެވެ. އެއީ ވެސް ހަމަ ވަކި މޫސުމަކަށް ފޮޅޭ ބޯޅަކިންކިރި މަލެއް ކަހަލަ ބޭފުޅެކެވެ. ވަގުތު ޖެހުމުން އެކަނި ނުކުމެވަޑައިގެން ބަސްވިދާޅުވާ ޑޮކްޓަރެކެވެ. އެބޭފުލާއާއި އެކީ ދެން ހުންނެވީ ގިނަ ބަޔަކު ގަބޫލު ނުކުރާ ކުރީގެ ސަރުކާރުގެ އުސޫލުތައް ހިފާއްޓަވާ ޑޮކޮޓަރެކެވެ. މިބޭފުޅުން ބަލައިގަންނަވަނީ ވަރަށް މަދު ބައެކެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެން ނުކުންނާނީ ނުވަތަ ނުކުމެވޭނީ ކޮން ބަޔަކަށްތޯ ނުވަތަ ކޮން ލީޑަރަކަށްތޯ ސުވާލުކޮށްފި ނަމަ އަޅުގަނޑު އިނގިލި ދިއްކުރާނީ، ޖުމްހޫރީ ޕާޓީއަށެވެ. ގާސިމް އިބްރާހީމަށެވެ. ޣާސިމް އިދިކޮޅު ލީޑަރެއްގެ ގޮތުގައި ނުކުމެވަޑައިގަންވައިފި ނަމަ ކަމުވޮށިގެންވާ ގިނަ ސިޔާސީ ލީޑަރުން އަދިވެސް ގާސިމްގެ ފަހަތްޕުޅުގައި ނުކުންނަވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ގާސިމް ނުކުމެ ވަޑައިގެން ނަޝީދަށް ވެރިކަން ހޯއްދަވައިދެއްވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތާއީދެއް ހޯއްދެވި ލީޑަރަކީ ގާސިމެވެ. އަދިވެސް އިދިކޮޅު ހަރުދަނާ ޕާޓީއެއްގެ ގޮތުގައި، ލީޑަރެއްގެ ގޮތުގައި ނުކުމެ އެންމެ އަވަހަށް ކާމިޔާބު ހޯއްދެވޭނީ ގާސިމަށްކަން ކަށަވަރެވެ. މިއީ އަޅުގަނޑުގެ އެކަނި ރަޢުޔެއް ނޫނެވެ.

އެންމެ ފަހުން ބަދަލުކުރީ 06:44 އަންގާރަ, 24 ނޮވެމްބަރ 2009