Dhiminivan.com

  • Increase font size
  • Default font size
  • Decrease font size

މަޒުމޫނު ލިޔުމުގެ އަލިފުބާ - 2



މިއީ މި ސިލްސިލާގެ ދެވަނަ ފިލާވަޅެވެ.  ފުރަތަމަ ފިލާވަޅުގައި ބަލައިލެވުނީ ޖުމުލަ ޢިބާރާތް ކުރުމުގައި ސަމާލުކަން ދޭންވީ ކަމެއްގެ މައްޗަށެވެ. މި ފަހަރު މި ބަލައިލަނީ، ޕެރެގްރާފެއް އެކުލަވައިލުމުގައި ވިސްނާލަންވި ބައެއް ކަންކަމަށެވެ.
ޕެރެގްރާފަކީ ކޮބާ؟
ޕެރެގްރާފަކީ، މަޒުމޫނުގައި ހިމެނޭ މައިގަނޑު ވާހަކަތައް އަތުރާލެވިފައިވާ ބައިބަ އެވެ. މީން ކޮންމެ ބައެއް އެކުލެވިގެންވަނީ ގާތްގަނޑަކަށް، އަށެއް ނުވަތަ ދިހަވަރަކަށް ފޮޅުވަތަށެވެ. ކުރުދިގުމިން މި ނޫން މިންވަރަކަށް ވެސް ކަނޑަ އެޅިދާނެ އެވެ. މައިގަނޑު ގޮތެއްގައި ޕެރެގްރާފެއްގެ ކުރުދިގުމިން ކަނޑައެޅެނީ އެ ބުނަން ބޭނުންވާ ވާހަކަ ފެށިގެން އޭގެ އިތުރު ތަފުޞީލު ހިމެނިގެން އެވާހަކަ ނިންމޭ ހިސާބަށެވެ.
ޕެރެގްރާފެއްގެ ސިފަތައް
ފުރިހަމަ ޕެރެގްރާފެއް  އެކުލެވިގެންވަނީ މައިގަނޑު ތިންބައެއްގެ މައްޗަށެވެ.
1-    މައިގަނޑު ޖުމުލަ (އެ ޕްރެގްރާފުގައި ބުނަންބޭނުންވާ ވާހަކަ ފަށައިދޭ ޖުމުލަ)
2-    ބާރުދޭ ޖުމުލަތައް ( މައިގަނޑު ޖުމުލައިގައި ބުނާ ވާހަކައަށް އިތުރު ތަފުޞީލު ގެނެސްދޭ ޖުމުލަތައް)
3-    ވަށައިޖައްސާ ޖުމުލަ ( ޕެރެގްރާފުގައި ބުނަން ފެށި ވާހަކަ ބުނެ ނިންމައިދޭ ޖުމުލަ)

މިސާލު:
''ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ [ދިވެހި] ރާއްޖެ ނެތިދިއުމުގެ ހިތްދަތި ޢަލާމާތްތަކެވެ. އެންމެ ފުރަތަމަ ދިވެހީންގެ ނަސްލަށް ބަލައިލަމާތޯއެވެ. މީގެ ތިރީހަކަށް އަހަރު ކުރީގައި ރާއްޖޭގައި ދިރިއުޅެނީ މުޅީން ހެން ދިވެހީންނެވެ. 1992 ވަނަ އަހަރުގައި މި ޤައުމުގައި 14701 (ސާދަހާސް ހަތްސަތޭކަ އެކެއް) ބިދޭސީން ދިރިއުޅެނެވެ. 2002 ވަނަ އަހަރު 29761 (އޮނަތިރީސްހާސް ހަތްސަތޭކަ ފަސްދޮޅަސް އެކެއް) އަށް މި ޢަދަދު އަރާފައިވެއެވެ. އެވްރެޖްކޮށް ކޮންމެ އަހަރަކު 1500 ބިދޭސީން އިތުރުވެފައިވެއެވެ. ބޭރު މީހުންގެ ނިސްބަތް މިހާރު އުޅެނީ އާބާދީގެ %10ގައެވެ. އާދެ! ދެން ހިސާބު ކޮށްލައްވާށެވެ! ބިދޭސީން އިތުރުވަމުންދާ ނިސްބަތުން އިތުރުވަމުންދާނަމަ ކުރިއަށްއޮތް ތިރީހަކަށް އަހަރު ތެރޭގައި ކިހާ ބިދޭސީންނެއް އުޅޭނެތޯއެވެ. މި ހިސާބު ކުރާކަށް ތިބޭފުޅާއަކީ ރޮކެޓް ސައިންޓިސްޓަކަށް ވާކަށް ނުޖެހެއެވެ. ރާއްޖޭގެ އާބާދީގެ %5 އަށްވުރެ ގިނަ މީހުންނަކީ ބިދޭސީންނަށް ވުމުން މިރާއްޖެއަށް ދިވެހިރާއްޖެއޭ ކިޔޭނެތޯއެވެ؟ ބޭރު މީހުން އިތުރުވާ ނިސްބަތުގެ އީކުއޭޝަން ދިވެހި އާބާދީ އިތުރުވުން މަދުވަމުންދާ ބަހާ ހިމަނާލެއްވުމުން ދެން ނުކުންނަ ނަތީޖާއާމެދު ވިސްނަވާ ލައްވާށެވެ. ވައްލަ ބައެއްގެ ތެރޭގައި ކާޅު ގިނަނަމަ އެ ދޫނި ބަޔަށް ކިޔާނީ ވައްލަތޯއެވެ؟ ނޫނީ ކާޅުތޯއެވެ؟'' -ޑރ. ޙަސަން ޙަމީދު –

މި ޕްރެގްރާފަށް ބަލާއިރު، މި ޕެރެގްރާފުގެ ބޭނުމަކީ ދިވެހި ރާއްޖޭގައި ގިނަ ޢަދަދެއްގެ ބޭރު މީހުންނަށް ކަންކަމުގައި ފުރުޞަތު ލިބިގެން ދިޔުމަކީ ދިވެހި ރާއްޖެ ނެތި ދިޔުން ފަދަ ކަމެއް ކަން މާނަ ކޮށްދެއްވުމެވެ. ލިޔުންތެރިޔާ ގަސްތު ކުރައްވާގޮތުގައި ދިވެހިންނަށް ވުރެ ގިނަ ޢަދަދަކަށް ދިވެހި ރާއްޖޭގައި ބޭރު މީހުން އުޅޭނަމަ މި ގައުމަށް ދިވެހި ރާއްޖެއޭ ކިިޔުމުގެ މާނައެއްނެތެވެ. އެކަން ބަޔާން ކޮށްދެއްވަން ގެންނެވި ފުރަތަމަ ޖުމުލައަކީ:
''ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ [ދިވެހި] ރާއްޖެ ނެތިދިއުމުގެ ހިތްދަތި ޢަލާމާތްތަކެވެ.'' މި ޖުމުލަ އެވެ. މިއީ ޕްރެގްރާފުގެ މައިގަނޑު ޖުމުލަ އެވެ. އެކަމަކު ހަމަ އެކަނި މި ޖުމުލަ އަކުން އަދި ލިޔުންތެރިޔާގެ މަޤުޞަދު ދޭހައެއް ނުވެ އެވެ. އެހެންކަމުން މި ޖުމުލައިގައި ވިދާޅުވި އެއްޗެއް އިތުރަށް ތަފުޞީލުކޮށް އެ ނުކުތާއަށް ބާރު ދިނުމުގެ ގޮތުން އިތުރު ޖުމުލަތަކެއް ފަހަތުން ގެންނެވި އެވެ. އެ ޖުމުލަތަކުން ދޭހަވަނީ މައިގަނޑު ޖުމުލައިގެ މަފުހޫމެވެ. ނުވަތަ އެ ޖުމުލައިން ލިޔުންތެރިޔާ ގަސްތުކުރައްވާ މާނަ އެވެ. ދިވެހި ރާއްޖެ ނެތި ދިޔުމޭ އެ ވިދާޅުވަނީ ކޮންމާނައެއްގައި ކަމެވެ.
އެންމެ ފަހު ޖުމުލައަކީ:
''ވައްލަ ބައެއްގެ ތެރޭގައި ކާޅު ގިނަނަމަ އެ ދޫނި ބަޔަށް ކިޔާނީ ވައްލަތޯއެވެ؟ ނޫނީ ކާޅުތޯއެވެ؟'' މި އެވެ. މިއީ ވަށައިޖައްސާ ޖުމުލަ އެވެ. މި ޖުމުލައިން ފުރަތަމަ އޮތް މައިގަނޑު ޖުމުލައާއި، އެ އަށް ބާރުދޭން ފަހަތުން ހިމެނުނު ޖުމުލަތަކާއި، އެ ބައިގައި ހުރި ތަފާސްހިސާތުތަކުން ލިބިދިން މަޢުލޫމާތުތައް ކުރުގޮތަކަށް ޚުލާޞާ ވެއްޖެ އެވެ. އެންމެންނަށް ވިސްނޭ ފަދަ ފަސޭހަ މި ސާލަކުން މި ހުރިހައިބައި ވަށައިޖައްސައިފި އެވެ.

ނިންމާލުން:
ވީމާ ކޮންމެ ޕްރެގްރާފެއްގައި ވެސް މައިގަނޑު އެއް ނުކުތާ ހިމަނާށެވެ. ދެން އެއަށް ފަހު އެ ނުކުތާ ތަފުޞީލުކޮށްދޭށެވެ. ނިންމުމުގައި އެ ނުކުތާ ވަށައިޖައްސާށެވެ. އޭރުން އެ ވާނީ ފުރިހަމަ ޕެރެގްރާފަކަށެވެ.