މަޒުމޫނު ލިޔުމުގެ އަލިފުބާ - 1
19:45 އަންގާރަ, 06 އެޕްރީލް 2010
ދިވެހިމުދައްރިސް
: މި ސިލްސިލާއަކީ، ކިޔަވާކުދިންނަށް ޚާއްޞަ ސިލްސިލާއެކެވެ. ފުރަތަމަ މި ގެނެސްދެނީ ދިވެހިބަހުން މަޒުމޫނު ލިޔުމުގެ ހުނަރު ދަސްކުރަން ބޭނުންވާ ކުއްޖަކަށް، މުހިންމު މަޢުލޫމާތު ކޮޅެކެވެ.
މަޒުމޫނަކީ ކޮބާ؟
މަޒުމޫނެއްގެ ބޭރުފުށަށް ބަލާނަމަ، އެކުލެވިގެންވަނީ ފިލިތަކަކާއި އަކުރުތަކަކުންނެވެ. ( މިސާލު: މޒމނ.... ަ ު ޫ ު....)
މި ފިލިތަކާއި އަކުރުތަކުން ލަފުޒުތައް އުފެދެ އެވެ. ( މިސާލު: މަޒުމޫނު )
މި ލަފުޒުތަކުން ޖުމުލަ އުފެދެ އެވެ. ( މިސާލު: މަޒުމޫނެއް ލިޔާނީ ކިހިނެއްހެއްޔެވެ؟)
ޖުމުލަތަކަކުން ޕްރެގްރާފު އުފެދެ އެވެ.
ޕެރެގްރާފު ތަކަކުން މަޒުމޫނެއް ލިޔެވި އެކުލެވެ އެވެ.
މި ލިޔުމުގައި ބަލައިލާނީ ޖުމުލަ އިބާރާތް ކުރުމުގެ ހުނަރުގެ މައްޗަށެވެ. ސަބަބަކީ، މަޒުމޫނެއްގެ ޕެރެގްރާފެއް އެކުލެވިގެންވަނީ ޖުމުލަތަކެއްގެ މައްޗަށެވެ. ފުރަތަމަ އޮންނަ ޖުމުލަ އަކީ، މައިގަނޑު ޖުމުލަ އެވެ. ދެން ހުންނަނީ ބާރުދޭ ޖުމުލަތަކެކެވެ. އެންމެ ފަހަށް އޮންނަ ޖުމުލަ އަކީ އެ ޕްރެގްރާފެއްގައި ބުނަންފެށި ވާހަކަ ވަށައިޖައްސާ ޖުމުލަ އެވެ.
ރަނގަޅު ޖުމުލަ އެއް ލިޔާނީ ކިހިނެއް؟
މި އަދުގެ ފިލާވަޅުގެ މައިގަނޑު ސުވާލަކީ މި އެވެ. ރަނގަޅު ޖުމުލަ އެއް ލިޔާނެ ގޮތެވެ. މި ސުވާލުގެ ޖަވާބުގައި ބުނަމެވެ. ކޮންމެ ޖުމުލަ އެއްގައި ވެސް އެއްވާހަކަ ބުނެވޭތޯ ބަލާށެވެ. ގިނަވާހަކަތައް އެއްޖުމުލައިގައި ބުނަން އުޅުމަކީ ގަސްތުކުރާ މާނަ ފިޔަވައި އެހެން މާނައެއް އެކުލެވޭގޮތަށް އެ ޖުމުލަ ޢިބާރާތް ކުރެވިދާނެ ކަމެކެވެ. ވީމާ، މި ފިލާވަޅުގައި ފުރަތަމަ ބުނެލަން އޮތް ވާހަކަ އަކީ، ޖުމުލަތައް ވީހާ ވެސް ކުރުކޮށް ޢިބާރާތް ކުރާށެވެ. ދިގު ޖުމުލައަކީ ވެސް ހުންނަ އެއްޗެކެވެ. ނަމަވެސް ފެށުމެއްގެ ގޮތުން ފުރަތަމަ ބުނެލަން އޮތީ، ހަމަ ކޮންމެ ޖުމުލަ އެއްވެސް ވީހާ ވެސް ކުރު ކުރެވޭތޯ ބަލާށެވެ.
މިސާލު - 1 (ގިނަ ވާހަކަތަކެއް ހިމެނޭ ދިގު ޖުމުލަ)
''ޖަމީލު ހިފައިގެންދިޔަ އެސްލޯނު ހޮޅިކޮޅަކުން މަގުމަތީގައި ކުރަހާފައި ދަމާފައިހުރި ފޮޓޯއެއްގައި ޖެހި އެ ފޮތިގަނޑު ފަޅައިގެން ހިނގައްޖެކަމަށް އޭނާގެ ބައްޕަ ބުނިކަން އަހަންނަށް އެދުވަހު ވަނީ ހަވީރު އެނގިފައިކަމެއް ހަސަނަކަށް އޭރަކު ނޭނގޭހެއްޔޭ އަހައިފާނަމޭ ހިތަށް އެރި އެވެ.''
ފުރަތަމަ ވިސްނަލައިލާށެވެ! މި ޖުމުލައިގައިވަނީ ކިތައްވާހަކަ ހެއްޔެވެ؟ އެ ހުރިހާ ވާހަކައެއް އެއްޖުމުލައިގައި ބުނަން އުޅުމުން ދޭހަވީ ކޮން އެއްޗެއް ހެއްޔެވެ؟ ބުނެވިފައި މި އޮތީ ކީކޭ ހެއްޔެވެ؟ މަގުމަތީގައި ހުރި ފޮޓޯ ކުރަހާފައިވަނީ އެސްލޯނު ހޮޅިކޮޅަކުން ހެއްޔެވެ؟ ނޫނީ އެ ފޮޓޯ އެސްލޯނު ހޮޅިއަކުން ޖެހި ފެޅުނީ ހެއްޔެވެ؟ މި ފަދަ އެތައް ސުވާލެކެވެ.
މިސާލު - 2 (ކުރުޖުމުލަ)
''މަގުމަތީގައި ދަމާފައި ހުރި ފޮތިގަނޑެކެވެ. އޭގައި ކުރެހުމެއް ނުވަތަ ފޮޓޯއެއް ހުއްޓެވެ. ޖަމީލު ހިފައިގެން ދިޔަ އެސްލޯނު ހޮޅިކޮޅިއަކުން އެ ފޮތިގަނޑުގައި ޖެހި ފޮތިގަނޑު ހަލާކުވި އެވެ. ފޮޓޯ ފަޅައިގެން ދިޔަ އެވެ.
ޖަމީލުގެ ބައްޕަވަނީ އެ ދުވަހު ހަވީރު މި ވާހަކަ އަހަރެންގާތު ބުނެފަ އެވެ. މި ވާހަކަ ހަސަނުގާތު ވެސް ބުނީމެވެ. އެކަމަކު ހަސަނަށް އެކަން ނޭނގެނީ ބާ އެވެ؟ މި ސުވާލު ހަސަނާ ކޮށްފާނަމޭ ވެސް ހިތަށް އެރި އެވެ.''
އިރުޝާދު؛
ވީމާ، މަޒުމޫނު ލިޔަން ދަސްކުރުމަށްޓަކައި، އެންމެ ފުރަތަމަ ކަމަކަށް ކުރުކޮށް ޖުމުލަ ހެދޭތޯ ބަލާށެވެ. އެކަން ދަސްކުރާށެވެ. މި ކަމުގެ ތަމްރީނު ދެ ގޮތަކަށް ހެދިދާނެ އެވެ. އެއްގޮތަކީ، މޮޅު ލިޔުންތެރިންގެ ލިޔުންތައް ބަލައިގެން އޭގައިވާ ކުރުޖުމުލަތަކާމެދު ވިސްނުމެވެ. އެނެއް ގޮތަކީ ދިގުކޮށް ޖުމުލަ ގެންނަވައިފައިވާ ލިޔުންތެރިންގެ ދިގު ޖުމުލަތައް ހުންނަ ލިޔުންތައް ބެލުމެވެ. ދެން އެ ޖުމުލަތައް ކުރުކޮށް ވަކި ވަކިކޮށް ޢިބާރާތް ކުރުމެވެ. މި ބަދަލު ގެނައުމަށް ފަހު ލިޔުންތެރިޔާ ގަސްތުކުރި މާނަ، ތިޔަ ދަރިވަރު ބަދަލު ކުރި ޖުމުލައިން ދޭހަވޭތޯ ބަލަންވާނެ އެވެ.