އަމީން ކޮންސްޓްރަކްޝަނުގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އައްޑޫގައި އަޅުއްވައި ދެއްވުމަށް ހަމަޖެހިފައިވާ 100 ގޭގެ އަމަލީ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ވިދާޅުވީ ގެތައް އިމާރާތް ކުރުމުގެ މަސައްކަތް މިހާތަނަށް ނުފެށި ދިގުލައިގެން ދިޔައީ ބިމުގެ ކަންތައްތައް ހަމަނުޖެހިގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު ގެތައް އަޅާނެ ބިން ހަމަޖެހި، އެކަން އައްޑޫ ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. މި ގެތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން އަބްދުﷲ އަޅުއްވައި ދެއްވާ ގެތައް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހިތަދޫގެ ދެ ސަރަހައްދެއްގައި ކަމަށް އައްޑޫގެ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުން ބުންޏެވެ.
އެ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ހިތަދޫ އަވަށު ބޯޑުގެ ރައީސް އިބްރާހީމް ޝިނާޒް މޫސާ ވިދާޅުވީ 100 ގެ އެޅުމަށް މިހާރު ނިންމާފައިވާ ދެ ސަރަހައްދަކީ ހިތަދޫ އާރިކިޅިން ހުޅަނގަށް އޮތް ބިމުގަ އާއި ހިތަދޫ ޔޫތު ސެންޓަރުން ދެކުނަށް އޮތް ބިމުގައި ކަމަށެވެ.
އަބްދުﷲ ވިދާޅުވީ ބިން ހަމަޖެހުމާ އެކު މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނާއި ސައިޓް ސާފު ކުރުން ފަދަ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އައްޑު އަށް ތަކެތި ގެންދެވުމުން އަންނަ ހަފުތާ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. ތަކެތި ގެންދަން ވަގުތުކޮޅެއް ވެސް ނަގާނެ،" ސާކް ސަމިޓަށް އައްޑޫގައި ދަރުބާރުގެ ވެސް އިމާރާތް ކުރި ކުންފުނީގެ ވެރިޔާ އަބްދުާ ވިދާޅުވި އެވެ. "އިރާދަ ކުރެއްވިއްޔާ ގެތަކުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ."
އޭނާ އަޅުއްވައި ދެއްވާ ގެތަތަކީ ލަގްޒަރީ މޮޑެލްގެ ދަށުން އެއް ބުރިއަށް ހަދާ ޑިޓޭޗްޑް ގެތަކެވެ. އެގޮތުން 90 އަކަ މީޓަރުގައި ހުންނަ ކޮންމެ ގެއެއްގައި ހުންނާނީ ދެ ކޮޓަރި އާއި ދެ ފާހާނާ، ސިޓިން ރޫމް އަދި ކާ ތަނަކާ އެކު ބަދިގެއެކެވެ.








