DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ދެކުނު ޕްރޮވިންސް ހިތަދޫ ޝަރަފުއްދީނުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އަނެއްކާވެސް ބީލަމަށް

ހިތަދޫ ޝަރަފުއްދީނުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އަނެއްކާވެސް ބީލަމަށް

ސ. ހިތަދޫ ޕަބްލިކް ލައިބްރަރީ ހިންގަމުން އަންނަ ޝަރަފުއްދީން(ހުސައިނިއްޔާ) ބިލްޑިންގްގައި ލައިބްރަރީ އާ އެކު ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކުރުމާ ގުޅިގެން ސުންގަނޑި ހަމަވި އިރު ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.


 

ކައުންސިލުން އެންމެ ފުރަތަމަ އެ އިމާރާތުގައި ލައިބްރަރީ އާ އެކު ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކުރީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ޖެނުއަރީ މަހުގެ 29 ވަނަ ދުވަހަށް ސުންގަނޑި ހަމަވި އިރު، އެކަމަށް ކުރިމަތިލާފައި ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އިންވެސްޓްމަންޓް(އީޑީއައި) އިން އެކަންޏެވެ.

އީޑީއައިއަކީ ޝަރަފުއްދީން ބިލްޑިންގްގައި ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިންގުމަށް ކައުންސިލުން ކުރިން ހަވާލު ކުރި އައިލެންޑާސްގެ ޗެއާމަން އަދި މެނެޖިން ޑިރެކްޓަރު އަބްދުއް ރަޝީދު(އަބްސީ) އާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) ގެ އަނބިކަނބަލުން ޝިއާރާ މުހައްމަދުދީދީ އާއި ހިތަދޫގައި އައިއެމްޑީސީ ހޮސްޕިޓަލް ހިންގުމުގައި ހިއްސާވެ ވަޑައިގަންނަވާ ޑރ. މަރިޔަމް ޝަކީލާ ހިއްސާވާ ކުންފުންޏެކެވެ.

ކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޝަރަފުއްދީން ބިލްޑިންގްގައި ޕަބްލިކް ލައިބްރަރީ އާ އެކު ސްކޫލެއް ހިންގުމަށް އިއުލާން ކުރުމާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ ޕްރޮޕޯސަލް ބާތިލްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް(ޕީޕީޕީ) ގެ ދަށުން ޝަރަފުއްދީން ބިލްޑިންގްގައި ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތަކަށް ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދޫކުރަން ނިންމާފައިވާ އިރު، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 61 ވަނަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެހެން ނަމަވެސް އެކަމަށް އެދޭ ފޯމް ސެޓް ވިއްކަން ހަމަޖެހިފައި ވަނީ މި މަހުގެ 7-13 އަށެވެ. ފޯމް ސެޓެއްގެ އަގަކީ 100ރ. އެވެ.

ޝަރަފުއްދީންގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް ކައުންސިލުން އާންމުކޮށް އިއުލާން ކުރުމުގެ ކުރިން އެތަން ވަނީ އައިލެންޑާސް އަށް ދީފަ އެވެ. އެހެން ނަމަވެސް ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެ އިމާރާތުގައި ކެންގަރޫ ކިޑްސް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވެސް ނިމިފައި ވަނިކޮށް، އައިލެންޑާސްގެ އެއްބަސްވުން ކައުންސިލުން ބާތިލްކޮށްފައި ވަނީ އެ އިމާރާތުގައި ސްކޫލެއް ހިންގުމަށް އައިލެންޑާސް އަށް ދިން މައްސަލަ އާ ގުޅިގެން، އެއީ ގާނޫނާއި ގަވައިދާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ، ހިތަދޫ ރައްޔިތަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރުމަށް ކައުންސިލުން ހުށަހެޅުމުން އެ އަމުރު ބާތިލް ކުރެވެނޭ ތަނެއް ނެތް ކަމަށް ހައި ކޯޓުން ވެސް ނިންމުމާ ގުޅިގެންނެވެ.

ކޯޓުގެ އެ ނިންމުމާ ގުޅިގެން ޝަރަފުއްދީން ބިލްޑިންގުގައި ސްކޫލް ހުޅުވޭ ގޮތް ނުވުމުން އައިލެންޑާސް އިން މިހާރު ކެންގަރޫ ކިޑްސް ހިންގަމުން އަންނަނީ ހިތަދޫގެ އެހެން އިމާރާތެއްގަ އެވެ.