އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން 20 ހިދުމަތެއް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ގާއިމުކޮށްފައިވާ ޑިޕާޓްމަންޓްތަކުން ދޭން ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ
ދަށުން ރައްޔިތުންނާ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ދިނުމަށް މަގު ފަހި ކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ 20 ހިދުމަތެއް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ އަވަށްތަކުގައި ގާއިމު ކުރެވިފައިވާ ޑިޕާޓްމަންޓްތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
މިނިސްޓްރީން ދޭ ހިދުމަތްތަކުގެ ތެރެއިން އައްޑޫގެ ޑިޕާޓްމަންޓްތަކުން ފޯރުކޮށް ދޭން ހަމަޖެހިފައިވާ ހިދުމަތްތަކަށް ބަލާ އިރު، އޭގެ ތެރޭގައި އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އާއި ކެފޭ/ރެސްޓޯރެންޓާއި ކެންޓީން ފަދަ ތަންތަން ހިންގުމުގެ ހުއްދަ ދޫކުރުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.
މީގެ އިތުރުން ލޯކަލް އިންވެސްޓްމަންޓް ރަޖިސްޓްރީކޮށް ދިނުމާއި ލޯގޯ އާއި ޓްރޭޑް މާކް އަދި ޝިޕިން މާކް ރަޖިސްޓްކޮށް ދިނުމާއި ރީއެކްސްޕޯޓް އެގްރިމަންޓާއި ރީއެކްސްޕޯޓް ލައިސަންސް ދޫކުރުން ފަދަ ހިދުމަތްތައް އައްޑޫގެ ޑިޕާޓްމަންޓްތަކުން ފޯރުކޮށް ދޭނެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކައުންސިލް އިދާރާ އިން ބުނީ އިކޮނޮމިކް މިނިސްޓްރީގެ ގިނަ ހިދުމަތްތަކެއް ސީދާ އައްޑޫން ލިބޭ ގޮތަށް ހަމަޖެހިގެން ދިއުމާ އެކު އައްޑޫގެ ރައްޔިތުންނަށް ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.








