ޝަރުއީ ދާއިރާގެ ހިމާޔަތުގައި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތަކަށް ތާއީދުކޮށް، އައްޑޫގައި އިއްޔެ މުޒާހަރާކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އައްޑޫގައި ހަރަކާތްތެރިވާ ސިޔާސީ ހަ ޕާޓީއަކާއި ހިތަދޫގެ އަމިއްލަ ތިން ޖަމިއްޔާއެއް ގުޅިގެން މިއަދު ހިތަދޫގައި ކުރި މުޒާހަރާގައި
ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ އަށް ގޮވައި އައްޑޫ ސިޓީ ކައުންސިލަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައި ޝުއޫރުފާޅުކޮށްފައިވެ އެވެ.
އެގޮތުން ރައީސް ނަޝީދުގެ ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލަކީ ވެސް މިހާރު ރައްޔިތުންގެ އެއްވެސް ތާއީދެއ އަދި އިތުބާރެއް އޮތް ބައެއް ނޫން ކަމަށާއި އެ މީހުންގެ ތެރޭގައި ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތަކެއް ވެސް ހުރި ކަމަށް ގޮވާފައިވެ އެވެ. އަދި ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހިތްދަތިކަމާއި އަނިޔާވެރިކަމުން އަރައި ގަނެވި، ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި ސުލްހަވެރިކަމާ އެކު ދިރއުޅެވެން އޮތީ މި ސަރުކާރު ވީހާ ވެސް އަވަހަކަށް ނިމުމަކަށް ގެނެސްގެން ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ.
އެގޮތުން ރާއްޖޭގެ އެއްވެސް ރައްޔިތަކުން ރައީސް ނަޝީދު ކުރައްވާ އަމުރުތަކަށް ތަބާނުވުމަށާއި އައްޑޫގެ ރައްޔިތުން އައްޑޫ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކަށް ވެސް ބޯ ނުލެނބުމަށް ގޮވާފައިވެ އެވެ.
ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ތަކުރާރުކޮށް ރައީސް ނަޝީދުގެ އިސްތިއުފާ އަށް ގޮވައި، ވީހާ ވެސް އަވަހަކަށް ނަޝީދު ވެރިކަމުން އަޒުލްކުރުމަށް ވެސް ގޮވައިފަ އެވެ. އަދި ގާނޫނު އަސާސީ އާ ހިލާފަށް ސަރުކާރުން "ގެއްލުވާލައިފައިވާ" އަބްދުﷲ ގާޒީ ވީހާ ވެސް އަވަހަށް މިނިވަން ކުރުމަށް ވެސް ގޮވާލައި، ޝަރުއީ ދާއިރާގެ ހިމާޔަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އައްޑޫ ރައްޔިތުން އެއްބާރުލުން ދޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވާފައިވެ އެވެ.
އެގޮތުން ރައީސް ނަޝީދުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަކަށް މުޅި ރާއްޖެ އެކީއެކަށް ތެދުވެންވެއްޖެ ކަމަށާއި ސަރުކާރުގެ އަނިޔާވެރިކަމާއި ހުދުމުހުތާރުކަން އިންތިހާ އަށް ގޮސްފައިވާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ޝުއޫރުފާޅުކޮށްފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ޝަރުއީ ދާއިރާގެ ހިމާޔަތުގައި ކުރަމުން އަންނަ ހަރަކާތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށާއި ކިތަންމެ ގިނަ ދުވަހަކަށް އެކަމާ ދެކޮޅަށް ކުރަން ޖެހުނު މަސައްކަތެއް ކުރަން ޖެހުނަސް ދެމި ތިބޭނެ ކަމަށް އައްޑޫގައސި މުޒާހަރާ ކުރިން މީހުން ބުނެފައިވެ އެވެ.
ހިތަދޫ ސްކޫލް ސަރަހައްދުން މުޒާހަރާ ފެށުމަށް ފަހު، ހިތަދޫ ބޮޑު މަގުގައި ޝުއޫރު ފާޅު ކުރަމުން ގޮސް މުޒާހަރާ ނިންމާލައިފައި ވަނީ އައްޑޫ ސިޓީ ސްކެއާ ކައިރިންނެވެ. މުޒާހަރާ ކުރިއަށް ދިޔަ އިރު، ދެ ފުލުހަކު މުޒާހަރާގެ ބައިވެރިންގެ ކުރީގައި ސައިކަލެއްގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
އެހެން ނަމަވެސް ހިތަދޫ ބޮޑު މަގުން ގޮސް އައްޑޫ ސިޓީ ކައުންސިލް އިދާރާ ހުންނަ މަގަށް މުޒާހަރާގެ ބައިވެރިން ނިކުތް އިރު، އެ އިދާރާ އާ ދިމާލުގައި ބެރިކޭޑްތައް ޖަހައިގެން ފުލުހުން ހަރަކާތްތެރިވަމުން ދިޔަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދެކޮޅަށް އެ ބެރިޭޑްތައް ނަގައި، ހިތަދޫ ޕޮލިސް ސްޓޭޝަނާ ދިމާލުން ލިންކް ރޯޑަށް ނިކުމެފަ އެވެ.
ބެރިކޭޑްތައް ޖަހައިގެން ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް އެތަކެތި ނަގައި އެއް ފަރާތް ކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެވެސް ވަރަކަށް ކުރިމަތިލުން ވެސް ހިނގި އެވެ. އެހެން ނަމަވެސް މާ ބޮޑު ހަމަނުޖެހުމެއް ހިނގައިފައެއް ނުވެ އެވެ.
އެހެން ނަމަވެސް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކުން ބުނީ ފުލުހުން ވަރަށް އަނިޔާވެރިކޮށް މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާފައިވާ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
އިއްޔެ ފެށި ސިލްސިލާ މުޒާހަރާ ނިންމާލާފައި ވަނީ އަންނަ ހުކުރު ދުވަހު ވެސް މުޒާހަރާ ބާއްވާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ގައުމީ ޕާޓީން ތައްޔާރުކޮށްފައިވާ "އެއާޕޯޓް ޖީއެމްއާރަށް ދިނުން؛ އަޅުވެތިކަމެއްގެ ފެށުން" ފޮތް ވެސް ބަހައިފަ އެވެ.








